މާދަމާ ހަވީރު ލާއޯސް އަދި ތުރުކަމަނިސްތާން ކުޅޭ މެޗް ޝަރަފްވެރިކޮށް ދެއްވުމަށް އެދި އެފްއޭއެމްގެ ފަރާތުން އައްޑޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ޓީމް ޑީއެންސީ އަށް ރަސްމީކޮށް ދައުވަތު އަރުވައިފި އެވެ.
އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދުގެ ފަރާތުން ރަސްމީ ދައުވަތު ޑީއެންސީގެ ކުޅުންތެރިންނާއި ހަވާލުކޮށްފައި ވަނީ އޭއެފްސީ ޗެލެންޖް ކަޕްގެ އައްޑޫ އިސްފަރާތަކަށް އައްޔަންކޮށްފައިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަދި އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގު (މަރާ) އެވެ.
އޭގެ ތެރޭގައި ޑީއެންސީގެ މަޝްހޫރު ކުޅުންތެރިޔާ އުދުހޭ މުފީދާއި މުހައްމަދު ސައީދު (މިސްރާބް) އާއި ލަބީބް ފަދަ ކުޅުންތެރިން ހިމެނެ އެވެ.
މަރާ ވިދާޅުވީ ފުރަތަމަ މެޗް ޝަރަފްވެރިކޮށްދެއްވުން އެދި ޑީއެންސީ ޓީމްގައި މިވަގުތު ދުނިޔޭގައި ތިބި ހުރިހާ ކުޅުންތެރިންނާއި ވަކިން ދައުވަތު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ޓީމްގައި ހިމެނި ނިޔާވެފައިވާ ކުޅުންތެރިންގެ ކުދިންނާ ދައުވަތު ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އައްޑޫގެ ކުރީގެ ބައެއް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް މެޗް ޝަރަފްވެރި ކޮށްދެއްވުމަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަވްހާ އިބްރާހިމްދީދީ ހިމެނެއެވެ.
ޑީއެންސީ އަކީ 1969 ވަނަ ައަހަރުން ފެށިގެން 1974 ވަނަ އަހަރާއި ދެމެދު މާލޭގައި ކުޅެ ރާއްޖޭގެ ފުޓްބޯޅައިގައި އައްޑޫގެ ނަން ވިދުވާލި ފުޓްބޯޅަ ޓީމެކެވެ. އެޓީމްގައި ހިމެނޭ މުފީދު އަކީ ޓީމްގެ ފޯވާޑެވެ. އަދި މަރާގެ ބައްޕަ މަރްހޫމް އިބްރާހިމްދީދީ (ޖޯޖް)އަކީ އައްޑޫގެ އިތުރުން ރާއްޖޭގެ ފާހަނަގަ ކޮށްލެވޭ ކޯޗެެއްގެ އިތުރުން ފީފާގެ ރެފްރީއެކެވެ.
