މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން އިންތިޒާމުކޮށްގެން އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓް ފޯރަމެއް ބާއްވައިފިއެވެ.
އެމްޕީއެލްއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ފޯރަމަކީ އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓާއި ގުޅޭ ގޮތުން ބާއްވާ މިފަދަ ފުރަތަމަ ފޯރަމް ކަމަށް އެކުންފނިން ބުނެއެވެ. މި ފޯރަމް ބާއްވާފައިވަނީ އެއް ދުވަހުގެ މުއްދަތަށް ޕެރެޑައިސް އިއިލޭންޑް ރިސޯޓުގައެވެ. މިއީ ވިޔަފާރިތަކުގައި ނުވަތަ މަޝްރޫޢުތަކުގައި ހިރާސް މެނޭޖް ކުރުމާއި ގުޅޭ ގޮތުން ބާއްވާ ފޯރަމެކެވެ.
މިފޯރަމްގެ އެންމެ ބޮޑު އަމާޒަކީ ރިސްކް މެނޭޖްމެންޓަށް އަހުލުވެރިވެ މި ދައިރާއަށް ދޭ އަހަމީއްޔަތުކަން އިތުރު ކުރުން ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ފޯރަމް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ، އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓުގެ މުހިންމުކަމަށް އަލި އަޅުވާލައްވާފައެވެ. މިގޮތުން އެމްޕީއެލްއިން މިފަދަ ފޯރަމެއް އިންތިޒާމު ކުރީ ފެށުމެއްގެ ގޮތުގައި ބަލައިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ރިސްކް މެނޭޖްމެންޓާއި ގުޅޭ އިތުރު ބައްދަލުވުންތަށް ބާއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފޯރަމްގައި އެމްޕީއެލްގެ އިސްވެރިންނާއި ދައިރާގެ ގިނަ ތަޖުރިބާކާރުން ބައިވެރިވާ ކަމަށް އެކުންފުނިން ބުނެއެވެ. މިގޮތުން، ޕްރައިވެޓައިޒޭޝަން ބޯޑާއި އަދި ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުން ޕެނަލިސްޓުން ގޮތުގައި ބައިވެވެފައިވެއެވެ.
އެމްޕީއެލްއިން ބުނީ މި ފޯރަމްގެ ތެރޭ ދައުލަތުގެ އިދާރާތަކުން މަންދޫބުން ފޯރަމްގައި ބައިވެރިވެ މަޝްވަރާތަކުގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މިދާއިރާގެ ކުރެވިދާނެ ކަންކަމާއި ގުޅޭ ގިނަ މަޝްވަރާތަކެއް ފޯރަމް ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.