އޮކްޓޯބަރު މަހު އިއުލާންކުރި ފިލްމު "އޭ ވަތަން…މޭރާ ވަތަން" ގެ ޝޫޓިން ބަތަލާ ސާރާ އަލީ ޚާން ނިންމާލައިފި އެވެ.
ފިލްމުގެ ޝޫޓިން ނިންމައިލި ވާހަކަ އޭގެ ޓީމާ އެކީ ނަގާފައިވާ ފޮޓޯތަކަކާ އެކީ ސާރާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

"އޭ ވަތަން…މޭރާ ވަތަން" އަކީ އިންޑިއާ އަށް މިނިވަންކަން ހޯދަން ކުރި މަސައްކަތުގެ ދުވަސްވަރުގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. އެގޮތުން މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ 1942 ގައި ފެށުނު "ކްއިޓް އިންޑިއާ މޫވްމަންޓް" އަށެވެ. އަދި އެ ދުވަސްވަރުގެ އަންޑަގްރައުންޑް ރޭޑިއޯ ސްޓޭޝަން، ކޮންގްރެސް ރޭޑިއޯ އާއި އޭގައި މަސައްކަތްކުރި އޫޝާ މެހެތާގެ ވާހަކަ "އޭ ވަތަން…މޭރޭ ވަތަން" ގައި ވަރަށް ބޮޑަށް އަޅިއަޅުވައިލާނެ އެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޑައިރެކްޓަރު ކަންނާން އައްޔަރާއި އާއި ދަރަބް ފާރޫގީ އެވެ.
"އޭ ވަތަން…މޭރާ ވަތަން" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ހަދާ އެެއްޗެކެވެ. މީގެ ކާސްޓްގައި ވަރޫން ދަވަން ވެސް ހިމެނެ އެވެ. އަދި މި ފިލްމު ވާނީ 2020 ގެ "ކޫލީ ނަމްބަރު 1" އަށް ފަހު ސާރާ އާއި ވަރޫން އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.
މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓިންތައް ނިންމާފައި އޮތަސް އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ "ގޭސްލައިޓް" އާއި ވިކީ ކޯޝަލާ އެކީ ކުޅެފައިވާ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރްގެ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.
ސާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އަތުރަންގީ ރޭ" އެވެ.