ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އާއި ދެކުނު އެމެރިކާގެ ގަދަ ބާރު އާޖެންޓީނާ އެވެ.
މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކުރީ ސެމީފައިނަލްގައި މޮރޮކޯގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. އާޖެންޓީނާ ފައިނަލުން ޖާގަ ހޯދީ ސެމީގައި ކްރޮއޭޝިއާ 3-0 އިން ބަލިކޮށްގެންނެވެ.
މިއީ ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް ވާދަކުރާ ހަތަރުވަނަ ފަހަރު ކަމަށްވާއިރު އެޓީމުން ވަނީ މި މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. ފްރާންސް މިރޭ ނިކުންނަނީ ތަށި ދިފާއުކުރުމަށް ކަމަށްވާއިރު ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު އެންމެފަހުން ޓީމަކުން ހޯދީ 1962 ވަނަ އަހަރު އެވެ. އެއީ ބްރެޒިލް އެވެ.
އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންނާ ނުލާ ފްރާންސުން މި މުބާރާތާ ކުރިމަތިލި ނަމަވެސް އެ ކުޅުންތެރިން ނެތްތަން ޓީމުން ނުފެންނަ ވަރަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ ޓީމު އަތުރާލާފަ އެވެ. މި މުބާރާތުން ފްރާންސް ބަލިވީ އެންމެ މެޗަކުން ކަމަށްވާއިރު މި މުބާރާތުގައި އެޓީމުން ވަނީ 13 ގޯލް ކާމިޔާބުކޮށްފަ އެވެ. ފްރާންސްގެ އެޓޭކިން ކުޅުންތެރިންގެ ފެންވަރު މުބާރާތުގައި ދައްކާލަމުން އަންނައިރު މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އެއީ ފަސް ގޯލެވެ. އުމުރުން 23 އަހަރުގައި ފްރާންސަށް ދެވަނަ ވޯލްޑް ކަޕް ހޯދައިދޭން އެމްބާޕޭ ހުރީ ތައްޔާރަށެވެ.
މިރޭގެ ފައިނަލަކީ އާޖެންޓީނާ އިން ކުޅޭ ވޯލްޑް ކަޕްގެ ހަވަނަ ފައިނަލެވެ. މި މުބާރާތް ދެ ފަހަރެއްގެ މަތިން އާޖެންޓީނާ އިން ކާމިޔާބުކޮށްފައިވާއިރު އެޓީމަށް މި މުބާރާތް އެންމެފަހުން ކާމިޔާބު ކުރެވުނީ 1986 ވަނަ އަހަރު އެވެ. އާޖެންޓީނާ އިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ވެސް ކުޅެފައިވެ އެވެ. ނަމަވެސް އެފަހަރު 1-0 އިން ޖަރުމަނު އަތުން އެޓީމު ވަނީ ބަލިވެފަ އެވެ.
އާޖެންޓީނާ މިފަހަރުގެ ވޯލްޑް ކަޕް ފެށީ އެއްގޮތަކަށް ވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. އެގޮތުން ފުރަތަމަ މެޗުގައި އެޓީމު ވަނީ ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވެފަ އެވެ. ނަމަވެސް ދެން ޖެހިގެން އައި މެޗުތަކުގައި ލިއޮނަލް މެސީގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅޭ އާޖެންޓީނާ އިން ދިޔައީ ފެންވަރު ދައްކާލަމުންނެވެ. އެގޮތުން ފުރަތަމަ މެޗަށްފަހު އާޖެންޓީނާ މި މުބާރާތުގައި ދެން ކުޅުނު ކޮންމެ މެޗެއްގައި އެޓީމުން ވަނީ މަދުވެގެން ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. މިއީ ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށްވާއިރު ތަށްޓާއެކު ވޯލްޑް ކަޕަށް އަލްވަދާއު ކިޔުމަކީ މެސީގެ އަމާޒެވެ.
ފްރާންސް
މިއީ ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ފްރާންސް ނިކުންނަ ހަތަރުވަނަ ފަހަރެވެ. އޭގެތެރެއިން ދެ މެޗުން ފްރާންސް ބަލިވެފައިވާއިރު އަނެއް މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. މި ދެ ޓީމު އެންމެފަހުން ވޯލްޑް ކަޕްގައި ވާދަކުރީ މީގެ ހަތަރު އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ބުރުގަ އެވެ. އެ މެޗު 4-3 އިން ކާމިޔާބު ކުރީ ފްރާންސުންނެވެ.
ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް އެންމެފަހުން ކުޅުނު 10 މެޗުން ވެސް ފްރާންސް ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ހަ މެޗުން ފްރާންސް މޮޅުވިއިރު އަނެއް ހަތަރު ނިމުނީ އެއްވަރުވެގެންނެވެ. ވޯލްޑް ކަޕްގައި ދެކުނު އެމެރިކާ ޓީމެއް އަތުން ފްރާންސް އެންމެފަހުން ބަލިވީ 1978 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެފަހަރު ފްރާންސް ބަލިވީ އާޖެންޓީނާ އަތުން 2-1 އިންނެވެ.
ފައިނަލް މެޗާއި ދިމާކޮށް ފްރާންސްގެ ބައެއް ކުޅުންތެރިންނަށް ރޯގާ އާއި ހުމުގެ އަސަރުކޮށްފައިވީ ނަމަވެސް ފައިނަލްގެ ކުރިން އިއްޔެ ފްރާންސުން ބޭއްވި ފަރިތަކުރުންތަކުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ބައިވެރިވެފައިވެ އެވެ.
އާޖެންޓީނާ
ފްރާންސާއި އާޖެންޓީނާ ފައިނަލްގައި ބައްދަލުކުރާއިރު މިއީ ޔޫރަޕް އަދި ދެކުނު އެމެރިކާގެ ޓީމެއް ވޯލްޑް ކަޕްގެ ފައިނަލްގައި ވާދަކުރާ 11 ވަނަ ފަހަރެވެ. އޭގެތެރެއިން ހަތް ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކުރީ ދެކުނު އެމެރިކާގެ ޓީމުތަކުންނެވެ. އެ 11 ފައިނަލްގެ ތެރެއިން ދެކުނު އެމެރިކާ ޓީމުތައް ބަލިވި ތިން ފައިނަލްގެ ތެރެއިން ދެ ފައިނަލުން ބަލިވީ އާޖެންޓީނާ އެވެ. ދެން ބަލިވީ ބްރެޒިލް އެވެ.
މުބާރާތުގެ ފުރަތަމަ މެޗުން އާޖެންޓީނާ ބަލިވި އިރު، ފުރަތަމަ މެޗުން ބަލިވުމަށްފަހު ވޯލްޑް ކަޕް މިހާތަނަށް ކާމިޔާބު ކުރެވުނީ އެންމެ ޓީމަކަށެވެ. އެއީ 2010 ވަނަ އަހަރު ސްޕެއިނުންނެވެ.
މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް އާޖެންޓީނާގެ ޓީމުގައި ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ 13 ވަނަ ފަހަރެވެ. މީގެ ކުރިން ބައްދަލުކުރި 12 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވީ އާޖެންޓީނާ އެވެ. ތިން މެޗުން ފްރާންސް މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމުގެ އެންމެފަހުގެ ކުރިމަތިލުން 4-3 އިން ކާމިޔާބުކުރީ ފްރާންސުންނެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅޭ ވޯލްޑް ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.