ގަތަރުގައި ކުރިއަށްދިޔަ ފީފާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދައިފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދީ ޕެނަލްޓީގައި ފްރާންސް 4-2 އިން ބަލިކުރުމަށްފަހު އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 3-3 އިން އެއްވަރުވެފަ އެވެ.
މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އިން ހޯދި ފުރަތަމަ ފަހަރެވެ. މިއީ އާޖެންޓީނާ އިން ހޯދި ތިންވަނަ ވޯލްޑް ކަޕް ކަމަށްވާއިރު މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދި ފުރަތަމަ ވޯލްޑް ކަޕްކަން ވެސް ފާހަގަކޮށްލެވެ އެވެ.
The moment when a dream becomes reality 🏆#FIFAWorldCup | #Qatar2022
— FIFA World Cup (@FIFAWorldCup) December 18, 2022
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާ އިން މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ 23 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލިއޮނަލް މެސީ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ޕެނަލްޓީ އާޖެންޓީނާ އަށް ލިބުނީ ފްރާންސްގެ އޮސްމާން ޑެމްބެލޭ އާޖެންޓީނާގެ އެންހެލް ޑިމަރިޔާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލަށްފަހު ވެސް ފްރާންސްގެ ފަހަތަށް އާޖެންޓީނާ އިން ދިޔައީ ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓްގައި ޑިމަރިޔާ ވަނީ އާޖެންޓީނާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. މި ގޯލް ޑިމަރިޔާ ކާމިޔާބުކުރީ އާޖެންޓީނާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެކަލިސްޓާ ހުސްކޮށްލާފައި ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އާޖެންޓީނާ އިން ނިންމާލިއިރު ދެވަނަ ހާފްގެ ބޮޑު ބައެއްގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާޖެންޓީނާ އިން ދިޔައީ ފްރާންސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް މެޗުގެ 80 ވަނަ މިނެޓްގައި ފްރާންސަށް ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. މި ޕެނަލްޓީ ފްރާންސަށް ލިބުނީ އެޓީމުގެ ތުރާމް އަށް އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓޮމެންޑީ ކުރި ފައުލަކާ ގުޅިގެންނެވެ.
ފްރާންސުން މި ގޯލް ކާމިޔާބުކުރިތާ މިނެޓެއްފަހުން އެމްބާޕޭ ވަނީ ފްރާންސަށް ނަތީޖާ އެއްވަރުކޮށްދީ އާޖެންޓީނާ ސިއްސުވާލާފަ އެވެ. މި ގޯލް އެމްބާޕޭ ކާމިޔާބުކުރީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެ ދެ ހާފްގެ ތެރެއިން ފަހު ހާފްގައި މެސީ އާޖެންޓީނާ އަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ. ނަމަވެސް އޭގެ އިރުކޮޅެއްފަހުން ފްރާންސަށް ލިބުނު އިތުރު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
15 މިނެޓްގެ ދެވަނަ ހާފްގެ އެންމެފަހު ވަގުތުކޮޅުތެރޭ ފްރާންސްގެ ޒުވާން ފޯވާޑް މުއާނީ އަށް އެޓީމު މި މެޗުން މޮޅުކޮށްދޭން މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް އެވެ. 15 މިނެޓްގެ ދެ ހާފް ކުޅެ ނިމުނުއިރު ވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.
އެގޮތުން ފްރާންސްގެ ކިންގްސްލީ ކޯމަން އަދި އައުރެލިއަން ޝުއަމީނީ އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނުއިރު އެމްބާޕޭ އާއި މުއާނީ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފަ އެވެ. އާޖެންޓީނާ އިން ޖެހި ހަތަރު ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކުރި އެވެ. އާޖެންޓީނާގެ ޕެނަލްޓީތައް ޖެހީ މެސީ އާއި ޕައުލޯ ޑިބާލާ އާއި ލިއަންޑްރޯ ޕަރޭޑެސްގެ އިތުރުން ގޮންޒާލޯ މޮންޓިއެލް އެވެ.
ފައިނަލް މެޗަށްފަހު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާގެ ކެޕްޓަން މެސީއާ ހަވާލުކޮށްދިނީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.