Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރި އަކީ މެސީ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލިބިއްޖެ އެވެ.

ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް މެސީއާ ހަވާލުކޮށްދިނީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

މެސީ އަކީ މި އެވޯޑް ދެ ފަހަރެއްގެ މަތިން ހޯދި ހަމައެކަނި ކުޅުންތެރިއާކަން ފާހަގަކޮށްލެވެ އެވެ. މެސީ އަށް ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ލިބިފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލްޖަހައިގެން ދޭ ރަންބޫޓް ގެންދިޔައީ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭ ވަނީ މި މުބާރާތުގައި ޖުމްލަ 8 ގޯލް ކާމިޔާބުކޮށްފަ އެވެ. މުބާރާތުގެ ފައިނަލް މެޗުގައި އެމްބާޕޭ ވަނީ ހެޓްރިކެއް ހަދާފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒަށް ލިބުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ލިބުނީ އެންޒޯ ފެނާންޑޭޒް އަށެވެ.

ފައިނަލްގައި ފްރާންސް ބަލިކުރުމަށްފަހު ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރިއިރު މިއީ އެޓީމުން ހޯދި ތިންވަނަ ވޯލްޑް ކަޕެވެ. އަދި މިއީ މެސީގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ.