Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ބޯޓިން ދާއިރާ އަށް ޒުވާނުން ބިނާކުރަނީ

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ބޯޓިން ދާއިރާ އިން ޒުވާނުން ބިނާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އާބަން ޔޫތް ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 10 ޒުވާނުން ބޯޓުން ދާއިރާއަށް ނެރޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން މި ފަރާތްތަކަށް މިހާރު ޕްރޮގްރާމުގައި ބައިވެރިވާ ކަމުގެ ލެޓަރ ވަނީ ހަވާލުކޮށްފަ އެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ހަރުދަނާ އަދި ހުނަރުވެރ ޒުވާނުން މުޖްތަމަޢުގައި ބިނާކުރުން ކަމަށް އެޗްޑީސީން ބުނެއެވެ. ޕްރޮގްރާމުގައި ބައިވެރިވެވާން ފުރުސަތު ހުޅުވާލީ 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ޕްރޮގްރާމަށް ޒުވާނުން ހޮވާފައި ވަނީ ގްރޭޑް 10 ނިންމާފައިވާ އިނގިރޭސި ބަހުން މުޢަމާލާތް ރަނގަޅަށް ކުރެވޭނެ އަދި ވޯޓަ ސްޕޯޓްސް ދައިރާގައި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދީގެންނެވެ. މިއާއެކީ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދުނިޔޭގެ ކޮންމެ ތާކު ވެސް މޮޓޯބޯޓު އޮޕަރޭޓްކުރެވޭ "ރޯޔަލް އެސޯސިއޭޝަން" ލައިސެންސް ހޯދުމުގެ ފުރުސަތު ފަހިވެގެން ދެ އެވެ.

ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ދުވަހުގެ ތިއެރެޓިކަލް ޓްރެއިނިންއެއް ދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މިއާ އެކީ ރާއްޖެން ބޭރުން 10 ހަފުތާ އަށް ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް އެ ފަރާތްތަކަށް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ގަލްފް ޤައުމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ދެވޭނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި މިއީ ރާއްޖޭގެ މާހައުލާ ގުޅޭ އެކުންފުނީގެ ކުރިއަށް ރޭވިފައި ހުރި ބޮޑެތި މަޝްރޫޢުތަކުން އުފެދޭނެ ވަޒީފާތަކަށް ހުނަރުވެރިން ތަމްރީން ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެޗްޑީސީން ބޯޓިން ދައިރާ އަށް ޒުވާނުން ތަމްރީނުގެ ކުރުމުގެ މަސައްކަތް އެމްއައިޓީޑީސީއާއި ގުޅިގެން ފަށާ އިރު، އިންޓަގްރޭޓެޑް އާބަން ޓުއަރިޒަމަށް ރަށެއް ތަރައްޤީ ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.