Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެސީ ރޭ އުފުލާލީ އެންމެ ބޭނުންވި ތަށި

ހަޔާތުގައި އެންމެ ހޯދަން ބޭނުންވީ ވޯލްޑް ކަޕްގެ ތަށި ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ރޭ 4-2 އިން ފްރާންސް ބަލިކުރުމަށްފަހު އާޖެންޓީނާ އިން ޗެމްޕިއަންކަން ހޯދާފައިވާއިރު މިއީ މެސީގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕް ތަށްޓެވެ. އަދި މިއީ އާޖެންޓީނާގެ ތާރީހުގައި ހޯދި ތިންވަނަ ވޯލްޑް ކަޕެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދި މެސީ ބުނީ މިއީ އޭނާ ވަރަށް ބޮޑަށް ހޯދަން ބޭނުންވި ތަށްޓެއް ކަމަށާއި ގިނަ ގޮންޖެހުންތަކަކާ އެކު ވެސް ތަށި ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ތަށްޓާއެކު އެނބުރި އާޖެންޓީނާ އަށް ދިޔުމަށް ކެތްމަދުވެފައިވާ ކަމަށްވެސް މެސީ ބުންޏެވެ.

"މިއީ މުޅި ހަޔާތުގައި ވެސް އަހަރެން އެންމެ ބޭނުންވި ތަށި. މިއީ ކުޑައިރުއްސުރެން ފެށިގެން އަހަރެން ދެކެމުން އައި ހުވަފެނެއް." މެސީ ބުންޏެވެ.

މިއީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށްވީ ނަމަވެސް އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ބުނެފަ އެވެ. އެގޮތުން ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމާއެކު ކުޅެން ބޭނުންވާ ކަމަށްވެސް މެސީ ބުންޏެވެ.

ރޭގެ ފައިނަލް މެޗުގެ 120 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު ވެސް އޮތީ 3-3 އިން އެއްވަރުވެފަ އެވެ. އާޖެންޓީނާ އިން ޖެހި ދެ ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މެސީ އެވެ. އަނެއް ގޯލް ކާމިޔާބުކުރީ އެންހެލް ޑިމަރިޔާ އެވެ. ފްރާންސްގެ ތިން ގޯލް ވެސް ކާމިޔާބުކޮށްދިނީ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

މެޗުގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން ނެރުނުއިރު ޕެނަލްޓީގައި ފްރާންސްގެ ކިންގްސްލީ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް ދިފާއުކުރިއިރު އެޓީމުގެ މިޑްފީލްޑަރު އައުރެލިއަން ޝުއަމީނީ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އާޖެންޓީނާ ވަނީ ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފަ އެވެ.