އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބަންގްލަދޭޝަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް ބަންގްލަދޭޝް އިން ލެޓިން އެމެރިކާގެ ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރު ސަދިއާ ފައިޒުއްނިސާ ވިދާޅުވެއްޖެ އެވެ.
ގަތަރުގައި ރޭ ނިންމައިލި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު އާޖެންޓީނާ އިން ހޯދި އިރު، ބާރާތުގައި އާޖެންޓީނާ އަށް އެންމެ ބޮޑު ސަޕޯޓެއް ދިން އެއް ގައުމަކީ ބަންގްލަދޭޝް އެވެ. އެގޮތުން އާޖެންޓީނާގެ މެޗުތައް ބެލުމަށް ބަންގްލަދޭޝްގެ އެތައް ބަޔަކު އެގައުމުގެ އެކި ސަރަހައްދުތަކަށް ޖަމާވެފައިވެ އެވެ.

އާޖެންޓީނާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފައިޒުއްނިސާ ވިދާޅުވީ މެސީ ބަންގްލަދޭޝަށް ގެންނަން ބޭނުންވާ ކަމަށާއި އެކަމަށް ބަންގްލަދޭޝްގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މެސީއާއެކު ބަންގްލަދޭޝްގައި މެޗެއް ކުޅުމަކީ ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މެސީ އަކީ ވަރަށް މަގުބޫލު ފަރާތެއް އަދި ފުޓްބޯޅައިގައި އަހަރަމެން އާޖެންޓީނާ ދެކެ ވަރަށް ލޯބިވޭ. އެހެންވީމަ ބަންގްލަދޭޝަށް މެސީ ގެނައުމަކީ ލިބޭނެ ފަހުރެއް." ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ އާޖެންޓީނާ އާއި ބަންގްލަދޭސް އާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަ ކަމަށާއި އަދި ފުޓްބޯޅައިގެ އެހީއާ އެކީ ދެ ގައުމު އިތުރަށް ގާތްވެފައިވާ ކަމަށެވެ. މި ގުޅުން އިތުރަށް ކުރިއަރުވަން ބޭނުންވާ ކަމަށާއި އެގޮތުން އާޖެންޓީނާގެ ކޯޗުން ގެނެސް ބަންގްލަދޭޝްގެ ޒުވާން ކުޅުންތެރިން ތަމްރީނު ކުރަން ބޭނުންވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ތަށި ހޯދި ތިން ވަނަ ފަހަރު ކަމަށްވާ އިރު މިއީ މެސީގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕެވެ.