ވޯލްޑް ކަޕްގެ ފައިނަލުން އާޖެންޓީނާ އަތުން ބަލިވި ނަމަވެސް ޖަމަލު ހުން އުޒުރަކަށް ނުނަގާނެ ކަމަށް ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ބުނެފި އެވެ.
ވޯލްޑް ކަޕްގެ ފައިނަލުން ފްރާންސް ރޭ އާޖެންޓީނާ އަތުން ބަލިވީ ޕެނަލްޓީގައި 4-2 އިންނެވެ.
ފައިނަލް މެޗަށް ތައްޔާރުވުމުގެ ތެރޭގައި ޖަމަލު ހުމުގެ ވައިރަހާއެކު ފްރާންސްގެ ބައެއް ކުޅުންތެރިން މިދިޔަ ހުކުރު ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެ އެވެ. ހުމުގެ ސަބަބުން ސެމީފައިނަލްގައި މޮރޮކޯ އަތުން ފްރާންސް މޮޅުވި މެޗުގައި އެޓީމުގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އަދި ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ކުޅެފައެއް ވެސް ނުވެ އެވެ. ނަމަވެސް ފައިނަލް މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވެފައިވެ އެވެ.
ރޭގެ މެޗަށް ފަހު ޖަމަލުހުމުގެ ވައިރަހުގެ އަސަރު ޓީމަށް ކުރިތޯ ސުވާލުކުރުމުން ލޮރިސް ބުނީ މެޗުން ބަލިވުމުން އުޒުރު ހޯދަން ނޫޅޭ ކަމަށާއި ކުޅުންތެރިންނަށް ދަނޑުމަތީގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުޅުންތެރިން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރި ކަމަށް ލޮރިސް ބުންޏެވެ.

ލޮރިސް ބުނީ ރޭގެ މެޗުގެ ފުރަތަމަ ހާފް ފްރާންސަށް ދިޔައީ ދަށް ގޮތަކަށް ކަމަށާއި ނަމަވެސް ކިލިއަން އެމްބާޕޭގެ ހުނަރާއެކު ޓީމު އަނބުރާ މެޗުގެ ތެރެއަށް ގެނެސްދިން ކަމަށެވެ. ރޭގެ މެޗު ސިފަވީ ބޮކްސިން މެޗެއްގެ ގޮތަށް ކަމަށާއި މުޅި މެޗުގައި ވެސް ފްރާންސަށް ރޭ ޖެހުނީ "ރިއެކްޓް" ކުރަން ކަމަށްވެސް ލޮރިސް ބުންޏެވެ.
ރޭގެ ފައިނަލް މެޗުގެ 120 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު ވެސް އޮތީ 3-3 އިން އެއްވަރުވެފަ އެވެ. އާޖެންޓީނާ އިން ޖެހި ދެ ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. އަނެއް ގޯލް ކާމިޔާބުކުރީ އެންހެލް ޑިމަރިޔާ އެވެ. ފްރާންސްގެ ތިން ގޯލް ވެސް ކާމިޔާބުކޮށްދިނީ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
މެޗުގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން ނެރުނުއިރު ޕެނަލްޓީގައި ފްރާންސްގެ ކިންގްސްލީ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް ދިފާއުކުރިއިރު އެޓީމުގެ މިޑްފީލްޑަރު އައުރެލިއަން ޝުއަމީނީ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އާޖެންޓީނާ ވަނީ ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފަ އެވެ.