Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ނިޝާމާގެ މަރު: މަރުވާން އުޅުނު ފިރިމީހާ މަރުވެއްޖެ

ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުއްޓައި ދަންޖެހިގެން އަމިއްލަ އަށް މަރުވާން އުޅުނު އަބޫބަކުރު ފައިސަލަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

އޭނަ އަށް ފަރުވާ ދެމުން ގެންދިޔައީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.

އަނބިމީހާ އަދި ތިން ކުދިންގެ މަންމަ ނިޝާމާ މުހައްމަދު، 28، މަރާލިކަމުގެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފައިސަލް، 32، ދަންޖެހިގެން މަރުވާން އުޅުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހާދިސާއާ ގުޅިގެން އޭނަ އަށް ފަރުވާ ދެމުން ގެންދިޔައީ ކުޅުދުއްފުށީ ހޮސްޕިޓަލްގަ އައިސީޔޫގަ އެވެ. އަދި ހާލު ދެރަކަމުން ވެންޓިލޭޓަރުގަ އެވެ.

ނިޝާމާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 10 ގަ އެވެ. އޭނަ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމި ނަމަވެސް އަދިވެސް ޕޯސްޓްމޯޓަމް ހަދާކަށް ބޭރަކަށް ނުފޮނުވަ އެވެ.

ފައިސަލް މަރުވާ އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ.