Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ނޯލަންގެ އާ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

މޮޅެތި ފިލްމުތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ބައޮގްރަފިކަލް ފިލްމު "އޯޕަންހީމާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާ އަށް ބިނާކޮށް އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށް ބެލުތެރިން ގެންގޮސްދޭ ގޮތަށް ހަދާފައިވާ ފިލްމެކެވެ.

"އޯޕަންހީމާ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނި ޝިިލިއަން މާފީ އެވެ. މީގެ އިތުރު ކާސްޓުންގެ އޭ-ލިސްޓް އިތުރު ތަރިންތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި މެޓް ޑޭމަން، ރޮބަޓް ޑައުނީ ޖޫނިއާ، ރަމީ މާލިކް، ކެނެތު ބްރެނާ، ފްލޮރެން ޕިއު، ޖޯޝް ހާނެޓް، އެމިލީ ބްލަންޓް، ކޭސީ އެފްލެކް އަދި ގެރީ އޯލްޑްމަން ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

ޔުނިވާސަލް ޕިކްޗާސްއާ ގުޅިގެން 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "އޯޕަންހީމާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި 21 ގަ އެވެ. މީގެ ޑައިރެކްޓަރު ނޯލަންގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ ސައިންސް ފިކްޝަން އެކްޝަން ތުރިލާ "ޓެނެޓް" އެވެ.

ނޯލަން ގެނެސް ދީފައިވާ ފިލްމުތަކުގެ ތެރޭގައި "މެމެންޓޯ"، "އިންސޯމްނިއާ"، "ބެޓްމޭން ބިގިންސް"، "ދަ ޑާކް ނައިޓް" އަދި "ޑަންކާކް" ހިމެނެ އެވެ.