Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ބޮސްނިއާގެ މަތީ ފަންތީގެ ބޭފުޅަކު އަލަށް ރާއްޖެ އަށް

ރާއްޖެ އާއި ބޮސްނިއާ އެންޑް ހާޒަގޮވިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 25 އަހަރު ފަހުން އެ ގައުމުގެ މަތީ ފަންތީގެ ބޭފުޅަކު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ޒިޔާރަތްކުރައްވައިފި އެވެ.

އެ ބޭފުޅަކީ މިހާރު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރެއްގައި އުޅުއްވާ ބޮސްނިއާގެ ފޮރިން މިނިސްޓަރު ޑރ. ބިސޭރާ ޓުރްކޮވިޗް އެވެ. އެކަމަނާ އިއްޔެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާއި ދެ ގައުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބޮސްނިއާގެ ފޮރިން މިނިސްޓަރާ އެކީ ރައީސް ސޯލިހު ވަނީ ޓޫރިޒަމާއި މަތީ ތައުލީމާއި ޒުވާނުންގެ ތަރައްގީ އާއި އަދި ގިނަ ގައުމުތައް އެކުވެގެން ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ރާއްޖެ އާއި ބޮސްނިއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖެނުއަރީ، 27، 1997 ގަ އެވެ.