Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޕްރަބާސްގެ ކައިވެނި ގުޅުވީ ސަލްމާންގެ ކައިވެންޏާ

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު އިންޑިއާގެ އެކްޓަރު ޕްރަބާސްގެ ކައިވެންޏާ ބެހޭ ގޮތުން ކުރެވޭ ސުވާލު، ބޮލީވުޑްގެ ތަރި ސަލްމާން ޚާނާ ގުޅުވައި ޖޯކް ޖަހައިފި އެވެ.

މަޝްހޫރު ތެލެގޫ އެކްޓަރު ނަންދަމުރީ ބާލަކްރިޝްނާގެ ޓޯކް ޝޯ، "އަންސްޓޮޕަބަލް" ސީޒަން ދޭއްގެ އެޕިސޯޑެއްޑައި މެހުމާނެއްގެ ގޮތުގައި ބައިވެރިވުމުން ހޯސްޓް ދެއްކި ވާހަކައިގައި ވަނީ ޕްރަބާސް ގާތު ކައިވެނިކުރަނީ ކޮން އިރަކުންތޯ އަހައިފަ އެވެ.

ބާލަކްރިޝްމަން ބުނީ އޭނަގެ ޝޯގައި އެކްޓަރު ގޯޕީޗަންދު ބައިވެރިވުމުން އޭނަގެ ކައިވެންޏާ ބެހޭ ގޮތުން ސުވާލުކުރުމުން، އެކަން ޕްރަބާސްގެ ކައިވެންޏާ ގުޅުވާފައިވާ ކަމަށެވެ.

"އޭނަ އަހަރެން ގާތު ބުނީ ތިމަންނަ ކައިވެނި ކުރާނީ ޕްރަބާސް ކައިވެނިކުރި އިރަކުންނޭ. އެހެންވެ އަހާލަން ބޭނުން ވަނީ ކޮން އިރަކުންހޭ ޕްރަބާސް ކައިވެނި ކުރަނީ؟" އާންމުކޮށްފައިވާ "އަންސްޓޮޕަބަލް 2" ގެ ޕްރޮމޯއެއްގައި ސަމާސާ މޫޑެއްގައި ބާލަކްރިޝްނާ އަހާ ތަން ފެނެ އެވެ.

އޭގެ ރައްދުގައި ލާނެއް ގޮތަކަށް ޕްރަބާސް ބުނީ އޭނަ ކައިވެނިކުރާނީ ސަލްމާން ކައިވެނި ކުރި އިރަކުން ކަމަށެވެ. އަދި އެ ޖަވާބު ދީފައި ގަދަ އަށް ހޯސްޓާ އެކީ ހިނިގަނޑެއް ޖަހާތަން ވެސް ފެނެ އެވެ.

ބޮލީވުޑްގެ ބައެއް ބަތަލާއިންނާ ރައްޓެހިވި ނަމަވެސް ސަލްމާން، 57، ހުރީ ހުސްކޮށެވެ. އަދި އޭނަ ކައިވެނި ކުރާނެތޯ ނޫންތޯ އެއީ ގައުމީ ބަހުސެއް ކަހަލަ ކަމެކެވެ.

ޕްރަބާސް، 43، ގެ ކައިވެންޏާ ބެހޭ ގޮތުން ވެސް ވާހަކަތަކެއް ދެކެވޭތާ މިހާރު އެތައް ދުވަހެކެވެ. މި ފަހުން އެންމެ ބޮޑަށް އަޑުއަރާފައި ވަނީ އޭނަ ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަން، 32، އާ ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ. އެކަމަކު އެ ވާހަކަ ކްރިތީ ދޮގުކުރެ އެވެ.

ޕްރަބާސް އާއި ކްރިތީ އެކީގައި ކުޅެފައިވާ ފިލްމު "އާދިޕުރުޝް" އަންނަ އަހަރު ރިލީޒްކުރާނެ އެވެ. ކުރިން ޕްރަބާސްއާ އެންމެ ބޮޑަށް އަޅުވާ ކިޔާފައި ވަނީ "ބާހްބަލީ" ގެ ދެ ފިލްމުގެ ބަތަލާ އަނުޝްކާ ޝެޓީ، 41، އެވެ. އަދި އެ ދެ މީހުން ކައިވެނިކުރަން އުޅޭކަމުގެ ވާހަކަތަކެއް ކުރިން ވަރަށް ގަދަ އަށް ދެކެވިފައިވެ އެވެ.