Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ކަށުނަމާދު ޕޭޖު ހުއްޓާލަން އެންގި ވާހަކަ ދޮގުކޮށްފި

ކަށުނަމާދުގެ ތަފުސީލު އާންމުކުރުމަށް ސޯޝަލްމީޑިއާގައި ހިންގާ ޕޭޖުން އެކަން ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގި ކަމަށް ބުނާ ވާހަކަ އެ ކައުންސިލުން ދޮގު ކޮށްފިއެވެ.

ކަށުނަމާދު ޕޭޖު ހިންގާ ފަރާތާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ އެ ޕޭޖު ހުއްޓާލުމަށް ސީޓީ ކައުސިލުން އަންގާފައިވާ ކަމަށާއި، އެގޮތަށް އަންގާފައިވަނީ އޭނާއަކީ ސިޓީ ކައުންސިލްގެ މުވައްޒަފަކަށް ވާތީ ކަމަށެވެ. އަދި ކަށުނަމާދަށް އިއުލާނު ކުރުމަށް ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށް ބުނެ ކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

2015 ގައި އުފެއްދި ކަށުނަމާދު ޕޭޖަކީ ގިނަ ބަޔަކު އޭގެ މައުލޫމާތު ހިއްސާކުރާ ޕޭޖެކެވެ.