Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

1.6 މިލިއަން ޓޫރިސްޓުންގެ ޓާގެޓް މާދަމާ ހާސިލުވާނެ

މި އަހަރު ރާއްޖެ 1.6 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި ޓާގެޓަށް މާދަމާ ވާސިލުވެވޭނެ ކަމަށް ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ މައި ކުންފުނި، އެމްއެމްޕީއާރްސީން ބުނީ 1.6 ވަނަ މިލިއަން ޓޫރިސްޓަށް މަރުހަބާ ކިޔަން މިހާރު ތައްޔާރީތައް ވެސް ވެފައިވާ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި 1.6 ވަނަ މިލިއަން ޓޫރިސްޓް ރާއްޖެ އަށް އަންނާނެ ކަމަށް ބެލެވެނީ މާދަމާ މެންދުރު ނުވަތަ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

އެމްއެމްޕީއާރްސީން ކުރިން ވެސް ބުނެފައި އޮތީ 1.6 މިލިއަން ޓޫރިސްޓުންގެ ޓާގެޓް ޑިސެމްބަރު މަހުގެ 20 ހިސާބުގައި ހާސިލުވާނެ ކަމަށެވެ. އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 1،590،379 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފަިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ފުރިފައިވާ އިރު، އެމްއެމްޕީއާރްސީން އަންނަނީ ރާއްޖެ ޕްރޮމޯޓްކުރަން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ބޮޑެތި ފެއާތަކުގައި ބައިވެރި، ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް އަންނަނީ ވަރަށް ފުޅާކޮށް ކުރެވެމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީން ވަނީ މި އަހަރު 24 މާކެޓެއްގައި 150 އަށް ވުރެ ގިނަ ހަރަކާތްތައް މިހާތަނަށް ހިންގައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.