Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޒޯޔާގެ "ދި އާޗީސް" ގެ ޝޫޓިން ނިންމައިފި

ޑައިރެކްޓަރު ޒޯޔާ އަޚްތަރު ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ދި އާޗީސް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލި ވާހަކަ ނެޓްފްލިކްސް އިންޑިއާ އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކަކާ އެކު ހިއްސާކޮށްފައިވެ އެވެ. "ދި އާޗީސް" އަކީ ހުޅަނގުގެ ކޮމިކް ވާހަކަ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

މިއުޒިކަލްއެއްގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ވަރަށް ޒުވާން ފަންނާނުންތަކެއް ބޮލީވުޑަށް ތައާރަފުކޮށް ދޭނެ އެއްޗެކެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަަގަސްޓިއާ ނަންދާގެ އިތުރުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ހިމެނެ އެވެ.

"ދި އާޗީސް" ގެ ޝޫޓިން ނިންމައިލި ނަމަވެސް ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ޔަގީނުން ވެސް މި ފިލްމު ވާނީ އަންނަ އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނެ އެއް ފިލްމަށެވެ.

"ދިލް ދަޅަކް ނޭ ދޯ" އާއި "ޒިންދަގީ ނާ މިލޭގީ ދުބާރާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޒޯޔާގެ އެންމެ ފަހުގެ ފިލްމަކީ އިންޑިއާ އިން 2020 ގެ އޮސްކާ އެވޯޑްސް އަށް ފޮނުވި "ގަލީ ބޯއި" އެވެ.