Last Updated: April 26, 05:59
Friday, April 26, 2024
ރިޕޯޓް

ސައީދާ އެކީ ފެނަކަ: ހައްގީ "އޭ ޕްލަސްއެއް" ތަ؟

ހއ. އުތީމް އިންޖީނުގެ ހުޅުވައި ދިނުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ބޮޑު ބައަކަށް އަސާސީ ޙިދުމަތްތަށް ފޯރުކޮށްދިނުމުގެ ޒިންމާ އެޅިފައިވަނީ ދައުލަތުގެ ކުންފުނި ތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނާއިއެވެ. ފެނަކަ ކުންފުނީގެ މައިގަނޑު ޒިންމާގެ ދަށުގައި އޮތީ ރާއްޖޭގެ ރަށްތަކަށް ކަރަންޓާއި، ފެނާއި އަދި ނަރުދަމާ ނިޒާމުގެ ޙިދުމަތް ފޯރުކޮށްދިނުމެވެ. ކުންފުނި ވުޖޫދުވެގެން އައީވެސް މި މަޤްޞަދު ހާސިލު ކުރުމަށެވެ. ނަމަވެސް ގިނަ ދުވަސް ވެފައިވާ އަސާސީ ޙިދުމަތުގެ ނިޒާމަށް ޒަމާނީ ބަދަލު ގެނައުން ވެފައި އޮތީ އެންމެ ބޮޑު ގޮންޖެހުމަށެވެ.

ނަމަވެސް މިކަން ކުރުމުގެ ޢަޒުމު ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރާއި ރައްޔިތުން އަމާނާތްތެރިކަމާއި އެކު ވެރިކަން ހަވާލު ކުރީ، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޮޑު ބަދަލެއް ގެނުވާނެ ކަމުގެ ފޮނި އުއްމީދާއި އެކުއެވެ. މިމަސައްކަތުގެ އާރުކާޓީކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލީޙް އައްޔަން ކުރެއްވީ، އެކުންފުނީގެ މިހާރުގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއިއެވެ.

ދުނބުޅި ބަދިގެ އިންޖީނުގެ ތަކަށް

ފެނަކަ ކޯޕަރޭޝަނާއި ހަވާލުވިއިރު ރާއްޖޭގެ ގިނަ ރައްތަކުގެ އިންޖީނުގެ ތަކަކީ 24 ގަޑިއިރު ކަރަންޓު ރަށަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ ގޮތަށް ތައްޔާރު ކޮށްފައިވާ ތަންތަނެއް ނޫނެވެ. ރައްޔިތުންގެ ގޭ ބިއްދޮށުގައި ހުރި މި ތަންތަނަށް ޒަމާނީ ބަދަލުތަކެއް ގެނެސް ސައުންޑް ޕްރޫފްކޮށްފައިވާއިރު، އާންމުން ދިރިއުޅޭ ސަރަހައްދުތަކުން އިންޖީނުގެ ތަށް ދުރަށް ވެސް ވަނީ ގެންގޮސްދީފައެވެ. އެގޮތުން ހަތަރު އަހަރު ތެރޭ 32 ރަސެއްގެ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވެއެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު އެކުންފުނިން 76 ރަށުގައި އައު އިންޖީނުގޭގެ މަސައްކަތް ފަށާފައިވާއިރު މީގެ ތެރެއިން 33 އިންޖީނުގޭގެ މަސައްކަތް މިހާތަނަށް ވަނީ ނިންމާފައެވެ. މިއާއެކު 306 އައު ޖެންސެޓު ރަށްތަކަށް ވަނީ ފޯރުކޮށްދީފައެވެ.

ފެނާއި ނަރުދަމާގެ ޙިދުމަތަށް ފޯރުކޮށްދިނުމުގެ މަސައްކަތް

ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާއަކީ އެކުންފުނީގެ މެންޑޭޓުގައި ހިމެނޭ އަސާސީ ޙިދުމަތެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލީޙްގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ފެނާއި ނަރުދަމާގެ ޙިދުމަތް ހުރިހާ ނެތް ހުރިހާ ރަށެއްގައި މި ޙިދުމަތް ޤާއިމް ކުރުމެވެ. މިގޮތުން ފެނަކައިން މިހާތަނަށް 24 މަޝްރޫޢެއް މި ނިންމާފައިވާއިރު 8 މަޝްރޫޢެއް މިހާރުވެސް ކުރިއަށް އެބަ ގެންދެއެވެ.

މިއާއެކު ފެން ތަހުލީލުކޮށް ފެނުގެ ކޮލިޓީ ދެމެހެއްޓުމަށް މުވައްޒަފުން ބިނާކުރެވި އެކުންފުނިން މިކަން ކުރަމުންދަނީ ޒަމާނީ ފެންވަރަށް ރައްޔިތުންނަށް ރައްކާތެރި ފެނުގެ ނިޒާމެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.

ޒަމާނީ އިންޖީނުގެ ތަކަށް ފަންނީ މުވައްޒަފުން ބިނާކުރުން

އެކުންފުނިން މަސައްކަތް ކުރަމުން އައީ ދެމެހެއްޓެނިވި ނިޒާމެއް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލައި ޤާއިމްކުރުމަށެވެ. މިކަމަށްޓަކައި ފަންނީ މުވައްޒަފުން ތަމްރީނުކޮށް ތިބި މުވައްޒަފުންގެ ޤާބިލީއްޔަތުކަން އިތުރު ކުރުމަށް ހާއްސަ އިސްކަމެއް ދެވިފައެވެ. މިމަޤްޞަދުގައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިން އެންޑް ރިސާޗް ޤާއިމް ކުރެވި، މިހާތަނަށް އެކުންފުނިން ޓެކްނޮލޮޖީގެ މިނިސްޓްރީ އަދި މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ޓެކްނޮލޮޖީ ގުޅިގެން 56 މުވައްޒަފުން ފަންނީ ދައިރާތަކަށް ތަމްރީނު ކުރުމަށް މަސައްކަތް ފެށި މީގެ ތެރެއިން 5 މުވައްޒަފުން ފިޔަވައި އެންމެން މިހާތަނަށް ވަނީ ނިމިފައެވެ.

މީގެ އިތުރުން ފެނަކަ އިންސްޓިޓިއުޓުގެ ފަރާތުން މިހާތަނަށް މިހާތަނަށް 189 މުވައްޒަފަކަށް ފަންނީ ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި، ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ތަމްރީނު ހާސިލް ކުރަމުންނެވެ. މީގެ އިތުރުން ފެނަކަ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 53 މުވައްޒަފަކަށް މަތީ ތަޢުލީމް ހާސިލް ކުރުމަށް ސްކޯލަޝިޕް ފުރުސަތު ވަނީ ދީފައިވެއެވެ.

މިއާއެކު މުވައްޒަފުންނާއި އާންމުން ފަރުދުން ހިމަނައިގެން މިހާތަނަށް 7000 އަށް ވުރެ ގިނަ މީހުން އެކި ދައިރާތަކުން ޓްރެއިން ކޮށްދެވިފައިވާ ކަމަށް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

ބިލްތަށް ރައްޔިތުންގެ އިނގިލި ކުރިއަށް

ރައްޔިތުންނަށް ޙިދުމަތް ދިނުމުގައި އަބަދުވެސް އެންމެ ބޮޑު އާމާޒަކީ އެ ޙިދުމަތެއް ރައްޔިތުންގެ އިނގިލި ކުރިއާއި ހިސާބަށް ފަސޭހަ ކަމާއި އެކު ފޯރުކޮށްދެވުމެވެ. ފެނަކައިން މިމަސައްކަތް ފަށައި، ކުންފުނީގެ އައިޓީ އިންފްރާސްޓްރަކްޗަރ މިވަނީ ވަރަށް ބޮޑަށް ބަދަލު ކޮށްފައެވެ. މިގޮތުން ނެޓްވޯކް އަޕްގްރޭޑްކޮށް ޑޭޓާ ސެންޓަރެއް އެކުންފުނިން ވަނީ ޤާއިމްކޮށްފައެވެ.

މިއާއެކު ކުންފުނީގެ އައު ބިލިން ސިސްޓަމް ތަޢަރާފްކޮށް މިހާރު ރީޑިން ނަގައިގެން ވަގުތުން ބިލް ފޯރުކޮށްދެވޭ ނިޒާމެއް ވަނީ ޤާއިމްކޮށްފައެވެ. މިއާއެކު ފެނަކަ ޕޭއި އެޕް މެދުވެރިކޮށް ކަރަންޓާއި ފެނުގެ ޙިދުމަތަށް އޮފީހަށް ނުގޮސް އޮންލައިންކޮށް ބިލް ދައްކާލެވެއެވެ. އަދި ވޭތުވެ ދިޔަ އަހަރު ދުވަހުގެ ބިލް ބަލާލެވި ކަރަންޓު ބޭނުން ކުރެވޭ މިންވަރު ވެސް އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުރެއެވެ.

މީގެ އިތުރުން އެޗް އާރްއެމްއެސް ސިސްޓަމް ޤާއިމްކޮށް މަރުކަޒީ ނިޒާމެއްގެ ތެރެއިން ފެނަކައިގެ ޙިދުމަތް ބެލެހެއްޓޭނެ އިންތިޒާމު އެކުންފުނިން ވަނީ ހަމަޖައްސާފައެވެ.

އެ ކޯޕަރޭޝަނުން ވޭތުވެ ދިޔަ ހަތަރު އަހަރު އެމްޑީ ސައީދު އާއި އެކު ހޯދައިފައިވާ ކުރިއެރުންތަކަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެކެވެ. ކުންފުނީގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ބޭނުންތަކަށް ކުންފުނީގެ ހިންގުން ބައްޓަންކޮށް ގިނަ މަސައްކަތް ކޮށްފައިވާއިރު އަދިވެސް ކުރިއަށް ގިނަ ބަދަލުތަކެއް ފެނިގެން ދާނެ ކަމަށް ބެލެވެއެވެ. މިއީ ރައްޔިތުންގެ ފަރާތުން ކުންފުންޏަށް "އޭ ޕްލަސް" ދޭ ވަރުގެ ކަމެކެވެ.