Last Updated: June 29, 13:09
Monday, June 29, 2026
ޚަބަރު

ބައިނަލްއަގްވާމީ ފުރަތަމަ މެޗަށް އައްޑޫ ތައްޔާރު

މާލެއިން ބޭރުގައި ކުޅޭ ބައިނަލް އަގްވާމީ ފުރަތަމަ މެޗް މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ފެށުމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމާލައިފި އެވެ.

އެފްއޭއެމްގެ ފަރާތުން މުބާރާތުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަހްމަދު މަރްޒޫގު (މަރާ) ބުނީ މުބާރާތަށް އައްޑޫ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދިނީ ހެރެތެރެ ރިސޯޓްގައި ތިބި ޓީމްތަކުގެ އިންތިޒާމް ކަންކަމަށް ކަމަށެވެ.

އެގޮތުން ޓީމްތަކަށް ގަޑިއަށް ޕްރެކްޓިސް ކުރުމަށް ދެވޭނެ އިންތިޒާމާއި ކެއުމާއި އެހެނިހެން ކަންކަން ފުރިހަމައަށް އިންތިޒާމް ކުރެވިފައިވާ ކަމަށެވެ.

މަރާ ބުނީ މެޗް ކުޅޭ ދަނޑުވެސް އޮތީ މެޗަށް ފުރިހަމަައަށް ތައްޔާރުވެފައި ކަމަށެވެ. މިއަދު ކުޅޭ މެޗް ތައް ބެލުމަށް "ހިލޭ" ވަދެވޭ ގޮތަށް އޮތް ކަމަށް އެފްއޭއެމްގެ ޑައިރެކްޓަރު އޮފް ނެޝަނަލް ޓީމް އަލީ ސުޒޭން ބުނެފައިވާ އިރު މަރާ ބުނީ ޓިކެޓްގެ ކަންތަކާއި އަދިވެސް އެމްއޭއެމްގެ އެކްސްކޯ ގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ލާއޯސް އަދި ތުރުކަމަނިސްތާން ކުޅޭ ތާރީހީ މެޗް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ވަންނާނެ ކަމަށް ލަފާ ކުރެވެ އެވެ.

HKJ

މެޗް ބެލުމަށް ހުޅުމީދޫން އަންނަ ފަރާތްތަކަށް ކަނޑާއި އެއްގަމު ދަތުރު ފަތުރު ހަމަޖެއްސުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްވީކޭ އާއި އެކު މަޝްވަރާ ކުރާނެކަމަށް ކުޅިވަރާއި ބެހޭ ވަޒީރު މަލީހް ޖަމާލް ވަނީ ވިދާޅުވެފއެވެ.

ނަމަވެސް އެފަދަ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ހުޅުމީދޫން މެޗްބަލަން އާދެވޭނެ ގޮތެއް ނެތެވެ.

މުބާރާތް ބާއްވާ އައްޑޫ ސްޓޭޑިއަމްއިން މެޗްގެ ލައިވް ކަވަރޭޖް މޯލްޑިވްސް ނެޝަނަލް ބްރޮޑްކާސްޓްގެ ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑުން ވަގުތުން ފޮނުވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެސް ވަނި ނިމިފައެވެ.

އެކަމަށް ޓީވީއެމްގެ 27 މީހުންގެ ކްރޫއެއް އައްޑޫގައި ހަރަކާތްތެރިވަމުން އަންނަ އިރު މިއަދު މެންދުރު ފަހު 3އިން ފެށިގެން މުބާރާތަށް ހާއްސަ ކަވަރޭޖް އައްޑޫގައި ފެށޭނެއެވެ.

މިއަދު ހަވީރުގެ މެޗް ޝަރަފްވެރިކޮށްދެއްވުން އެދި ކުރީގެ އައްޑޫގެ މަޝްހޫރު ފުޓްބޯޅަ ޓީމް ޑީއެންސީ އާއި އަދި އެހނެިހެން އައްޑޫގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަށް ދައުވަތު އަރުވާފައިވާ އިރު މި މެޗަށް އައްޑޫގެ ރައްޔިތުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ގޭގެ ސިޓިން ރޫމްގައި ނުތިބެ އައްޑޫ ސްޓޭޑިއަމްއަށް ވަދެ އިންޓަނޭޝަނަލް މެޗެއް ބަލާލުމަށް ކެތްމަދުވެފަ އެވެ.