ހދ. ނޮޅިވަރަމްގައި އަންހެނުން މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނިކޮސް ދަންޖެހިގެން އަމިއްލަ އަށް މަރުވާން އުޅުމުން ސަލާމަތްކޮށް ފަރުވާ ދެނިކޮށް، ފިރިމީހާ އަބޫބަކުރު ފައިސަލް މަރުވި ނަމަވެސް އެ މަރުގެ ތަހުގީގު ކުރިއަށް ދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ފައިސަލް، 32، މަރުވީ މި މަހުގެ 12 އިން ފެށިގެން އޭނަ އަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. އޭނަގެ އަންހެނުން ނިޝާމާ، 28، މަރާލި މައްސަލައިގެ ތުހުމަތަށް ފައިސަލް ފުލުހުންގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިޔައީ މި މަހުގެ 10 ގަ އެވެ.
އޭނަ މިއަދު މަރުވި އިރު، ނިޝާމާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ވެސް ނިންމާފައިވެ އެވެ. އެކަމަކު އަދިވެސް ޕޯސްޓްމޯޓަކަށް ހަށިގަނޑު ބޭރަކަށް ނުފޮނުވަ އެވެ. ތިން ކުދިން ތިބި ނިޝާމާ މަރުވެފައި އޮއްވައި ފެނުނީ މި މަހުގެ 10 ގަ އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފައިސަލް ދަންޖެހިގެން މަރުވާން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާ ނުލާނެ ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ތަހުގީގުކުރާނެ ކަމަށް ބުންޏެވެ.
ފައިސަލް އަމިއްލަ އަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވެ އެވެ.