Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ހަތަރު ރަށެއްގެ ކަރަންޓް ފެނަކަގެ އާ އިންޖީނުގެތަކުން

ހަތަރު ރަށެއްގައި ފެނަކައިން ގާއިމުކުރި އާ އިންޖީނުގެތަކުން ހިދުމަތްދޭން ފަށައިފިއެވެ.

އެގޮތުން އިއްޔެ ހިދުމަތް ދޭން ފަށާފައިވަނީ ފެނަކައިން ދ. މީދޫ، މ. ރަތްމަންދޫ، ގއ.ކޮނޑޭ އަދި ނ. ފޮއްދޫގައި އަލަށް ގާއިމުކުރި އިންޖީނުގެ ތަކުންނެވެ.

ދ. މީދޫގެ ކުރީގެ އިންޖީނުގެއަކީ 22 އަހަރު ވަންދެން ގެތަކުގެ ތެރޭގައި ހުރި އިންޖީނުގެއެވެ. މ. ރަތްމަންދޫ ކުރީގެ އިންޖީނުގެއަކީ 24 އަހަރު ވަންދެން ހިދުމަތްދެމުންދިޔަ އިންޖީނުގެއެކެވެ. އަދި ގއ. ކޮނޑޭ ކުރީގެ އިންޖީނުގެއަކީ 21 އަހަރު ވަންދެން ހިދުމަތްދިން އިންޖީނުގެއަކަށްވާއިރު ނ. ފޮއްދޫ ކުރީގެ އިންޖީނުގެއަކީ 19 އަހަރު ވަންދެން ހިދުމަތްދެމުންދިޔަ އިންޖީނުގެއެކެވެ.

މި ހުރިހާ އިންޖީނުގެތަކަކީވެސް މީހުން އުޅޭ ސަރަހައްދުތަކުގައި ހިންގަމުންދިޔަ އިންޖީނުގެތައް ކަމަށާއި، އާ އިންޖީނުގެތައް ގާއިމުކުރެވިފައިވަނީ މީހުންއުޅޭ ސަރަހައްދާ ދުރުގައި ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.