ޓްވިޓާގެ ސީއީއޯގެ މަގާމުން ދޫކޮށްލުމާ މެދު އާންމުންގެ ހިޔާލަށް އޭގެ އާ ވެރިޔާ އީލޮން މަސްކް އެދުމުން އޭނާ އެ މަގާމުގައި ހުންނަން ނުފެންނަ ކަމަށް ގިނަ ބަޔަކު ބުނެފި އެވެ.
އިއްޔެ ޓްވިޓާގައި އީލޮން ހުޅުވާލި ޕޯލަށް ވޯޓް ދިނުމުގެ މުއްދަތު މިއަދަށް ހަމަވި އިރު، ޖުމްލަ 17،502،391 މީހުން ވޯޓް ދިނެވެ. އޭގެ ތެރެއިން 57.5 ޕަސެންޓް މީހުން ވޯޓް ދިނީ ސީއީއޯގެ މަގާމުގައި އީލޮން ހުންނެވުމަށް ނުފެންނަ ކަމަށެވެ. އެ މަގާމުގައި އޭނަ ހުންނަވަން ފެންނަ ކަމަށް ވޯޓް ދިނީ ޕޯލްގައި ބައިވެރިވި 42.5 ޕަސެންޓް މީހުންނެވެ.
Should I step down as head of Twitter? I will abide by the results of this poll.
— Elon Musk (@elonmusk) December 18, 2022
މި ނަތީޖާއާ އެކީ ދެން އަމަލު ކުރައްވާނެ ގޮތެއް އީލޮން އަދި އިއުލާނެއް ނުކުރައްވަ އެވެ. އެކަމަކު އޭނަ އަކީ އާންމުކޮށް "އާންމުންގެ އަޑު އައްސަވާ" ކަމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ.
ކުރިން ދަމަހައްޓަމުން އައި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ މަގާމު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ގެއްލުނު އީލޮން އަށް ގެއްލިފައިވާ އިރު، އޭނަޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ. އީލޮން އަކީ ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެސް ވެރިޔާ އެވެ.