Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ބެންޒެމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ބެންޒެމާ ،35، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ މިއަދު އާންމުކުރި ޓްވީޓެއްގަ އެވެ.

ބެންޒެމާ ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރު އެވެ. ބެންޒެމާ ވަނީ ގައުމީ ޓީމަށް ކުޅެދިން 97 މެޗުގައި 37 ގޯލް ކާމިޔާބުކޮށްދީފަ އެވެ. ފްރާންސްގެ ގައުމީ ޓީމާއެކު ބެންޒެމާ އަށް ހޯދުނު ހަމައެކަނި ކާމިޔާބަކީ ޔޫއެފޭ ނޭޝަންސް ލީގު ތަށްޓެވެ. ބެންޒެމާ އަކީ ފްރާންސްގެ ގައުމީ ޓީމަށް ފަސްވަނަ އަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިއާ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސުން ނެގި ސްކޮޑުގައި ބެންޒެމާ ހިމެނުނު ނަމަވެސް މުބާރާތް ފެށުމުގެ ކުރިން އޭނާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މުބާރާތް ވަނީ ބެންޒެމާ އަށް ގެއްލިފަ އެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސުން ރޭ ވަނީ އާޖެންޓީނާއާ ބައްދަލުކޮށް ޕެނަލްޓީގައި 4-2 އިން ބަލިވެފަ އެވެ.

ރޭގެ ފައިނަލް މެޗުގެ 120 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު ވެސް އޮތީ 3-3 އިން އެއްވަރުވެފަ އެވެ. އާޖެންޓީނާ އިން ޖެހި ދެ ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މެސީ އެވެ. އަނެއް ގޯލް ކާމިޔާބުކުރީ އެންހެލް ޑިމަރިޔާ އެވެ. ފްރާންސްގެ ތިން ގޯލް ވެސް ކާމިޔާބުކޮށްދިނީ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

މެޗުގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން ނެރުނުއިރު ޕެނަލްޓީގައި ފްރާންސްގެ ކިންގްސްލީ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް ދިފާއުކުރިއިރު އެޓީމުގެ މިޑްފީލްޑަރު އައުރެލިއަން ޝުއަމީނީ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އާޖެންޓީނާ ވަނީ ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފަ އެވެ.