Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

ޕީކް ސީޒަނާ އެކީ ޖާގަ ހޯދުން ތަކުލީފަކަށް

މިދުވަސް ވަރު މޯލްޑިވިއަންއިން ޓިކެޓް ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން ހާލަތު ގާތުން ބަލަމުންދާ ކަމަށާއި ރައްޔިތުން އެދޭ ވަރަކުން ދަތުރު އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޕީކް ސީޒަނަށް އައިއިރު ފްލައިޓުން ޖާގަ ލިބުން މިވަނީ ބޮޑު ތަކުލީފަކަަށް ވެފައެވެ. ދުރާލާ ބޭރަށް ފުރަން ތައްޔާރުވެފައިވާ ފަރާތްތަކާއި، ބޭސްފަރުވާއަށް މާލެ ދާން ޗުއްޓީއާއި ދިމާކޮށް ތައްޔާރުވެފައިވާ ފަރާތްތަކަށް ޓިކެޓު ހޯދުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ހާއްސަކޮށް އައްޑޫއާއި މާލެ ދެމެދު ދަތުރުތަކަށް އޮންލައިންކޮށް ޖާގަ އެއްވެސް ވަރަކަށް ނުދައްކައެވެ. މިކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުން ދަނީ ފާލުކުރަމުންނެވެ.

ކޮންމެ އަހަރަކު ވެސް މިދުވަސްވަރު ޕީކް ސީޒަން ދިމާވާ އިރު، މޯލްޑިވިއަން ޕީކް ސީޒަނާއި ދިމާކޮށް ތައްޔާރީތަށް ވެސް ވަނީ ވެފައެވެ. އެގޮތުން ވެޓް ލީސްކޮށް އޭޓީއާރެއް ހޯދާފައިވާއިރު، އެކުންފުނިން ގަނެފައިވާ އޭޓީއާރުތައްވެސް މިމަހުގެ ތެރޭ ލިބޭނެ ކަމަށް ވަނީ މީގެ ކުރީން ހާމަކޮށްފައެވެ. ނަމަވެސް މިފަހަރުވެސް ޕީކް ސީޒަނުގައި ހަމަ ކުރިންވެސް ދިމާވާ މައްސަލަ މިވަނީ ދިމާވެފައެވެ.

މިކަމުގައި މޯލްޑިވިއަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އައްޑޫލައިވްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފަރ ވިދާޅުވީ، އެކުންފުނިން ހާލަތު ގާތުން ބަލަމުން ދާކަމަށެވެ. އަދި ރައްޔިތުން އެދޭ މިންވަރަކުން ދަތުރު އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ޕީކް ސީޒަނާއި ދިމާކޮށް މީގެ ކުރީން ދަތުރުތަށް އިތުރުވުމުން އެއާބަސް ދަތުރުތަށް އިތުރުކޮށް ކުއްޔަށް އެހެން އެއާލައިން ތަކުގެ ބޯޓުތައްވެސް މޯލްޑިވިއަން ނަގާފައި އެބަހުއްޓެވެ. އެކުންފުންޏަށް މިހާރު ކުރިމަތިވެފައިވާ ދަތުރުތަކަށް ހައްލެއް ހޯދެން މިވަގުތު އޮތީ ވީހާވެސް އަވަހަށް އެކުންފުނިން ގަނެފައިވާ އޭޓީއާރު މަރުކާރުގެ 3 ބޯޓު ލިބިގެންނެވެ. މިއާއެކު އިތުރު މިހާރު ބޭނުން ކުރާ ބޯޓުތަކަށް ވުރެ ޖާގަ އިތުރުވެ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ކަމަށް ބެލެވެއެވެ.