މޯލްޑިވްސް އިސްލާމިކް ބޭންކުން ޙައްޖު ސޭވިންގްސް އެކައުންޓް ހިދުމަތް ތައާރަފްކޮށްފި އެވެ.
އެމްއައިބީގެ ޙައްޖު ސޭވިންގްސް އެކައުންޓަކީ ރާއްޖޭގެ ބޭންކަކުން ތައާރަފްކުރި މިފަދަ ފުރަތަމަ ސޭވިންގްސް އެކައުންޓެވެ.
އެމްއައިބީގެ ޙައްޖު ސޭވިންގްސް އެކައުންޓަކީ ޙައްޖު އަދި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ރައްކާ ކުރާ ފަރާތްތަކަށް އަމާޒުކޮށް، ޝަރީޢާ ހުއްދަ ކުރާ އުސޫލުތަކުގެ ތެރެއިން ފައިސާ ރައްކާކޮށް، އިންވެސްޓްމަންޓުގެ ނަފާ އިތުރުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޑެބިޓް ފްރީޒް ސޭވިންގްސް އެކައުންޓެކެވެ.
ހައްޖު ސޭވިންގްސް އެކައުންޓު ހުޅުވަން ފުރަތަމަ ޑިޕޮސިޓްގެ ގޮތުގައި ޖަމާކުރަން ޖެހޭނީ 5،000ރ. އެވެ.
އެމްއައިބީން ބުނީ ޙައްޖު ސޭވިންގްސް އެކައުންޓަށް ބޭންކުން އިތުރުކޮށްދޭ ފައިސާ ރިބާއަށް ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެގޮތުން ބޭންކުގެ ސޭވިންގްސް އެކައުންޓުތަކުގައި ބޭނުންކުރެވޭ އަސާސަކީ މުޟާރަބާ (ޕްރޮފިޓް ޝެއަރިންގ) އަޤްދު ކަމަށްވާއިރު މުޟާރަބާއަކީ ދެފަރާތުގެ ދެމެދުގައި ވިޔަފާރިއަކަށް ފައިނޭންސް ކުރުމަށް އެއްބަސްވެ،
އެއް ފަރާތުން (ރައްބުލް މާލް/އިންވެސްޓަރ) ރައުސުލްމާލް ހުށައެޅުމުން އަނެއް ފަރާތުން (މުޟާރިބް/މެނޭޖަރ) މަސައްކަތް ކުރުމަށް ވެވޭ އެއްބަސްވުމެއް ކަމަށް އެމްއައިބީން ބުނެ އެވެ.
މި ވިޔަފާރިން ފައިދާ ވެއްޖެނަމަ، ފައިދާ ބަހާނީ އެއްބަސްވެފައިވާ ރޭޝިޔޯއިން ކަމަށާއި އިސްލާމިކް ބޭންކުތަކުގައި ކަސްޓަމަރުން ސޭވިންގްސް އެކައުންޓު ހުޅުވާ ފައިސާ ޖަމާކުރުމުން ބޭންކުން، މުޟާރިބުގެ ހައިސިއްޔަތުން އެފައިސާ ބޭނުންކުރާނީ ޝަރީޢާ ހުއްދަކުރާ ވިޔަފާރިތަކުގައި ކަމަށް އެ ބޭންކުން ބުނެ އެވެ.
ހައްގު ސޭވިންގްސް އެކައުންޓް އާއިލާއާއި އެކު ނުވަތަ ގިނަ މީހުން ވެގެން ޙައްޖު ނުވަތަ ޢުމްރާއަށް ދިޔުމަށް ގަސްތުކުރާނަމަ ޖޮއިންޓްލީ ވެސް އެކައުންޓު ހުޅުވޭނެ ކަމަށް އެ ބޭންކުން ހާމަކުރެ އެވެ.