ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން އާޖެންޓީނާގެ ރައްޔިތުންނަށް މިއަދަކީ ޗުއްޓީ ދުވަހެއް ކަމަށް އެގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ.
ވޯލްޑް ކަޕް އާޖެންޓީނާ އިން ތިންވަނަ ފަހަރަށް ހޯދީ މިދިޔަ އާދީއްތަ ދުވަހުގެރޭ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް 4-2 އިން ބަލިކޮށްގެންނެވެ. ވޯލްޑް ކަޕްގެ ތަށްޓާއެކު އާޖެންޓީނާގެ ގައުމީ ޓީމު އެނބުރި ގައުމަށް އަންނާނީ މިއަދުގެ ވަގުތެއްގަ އެވެ.
އާޖެންޓީނާގެ ސަރުކާރުން މިއަދަކީ ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ގައުމީ ޓީމާއެކު އުފާ ފާޅުކުރަން ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
It is wild in Buenos Aires Argentina 🇦🇷 right now pic.twitter.com/io1GCz59k0
— Kardoso Media (@kardosomedia) December 18, 2022
ވޯލްޑް ކަޕް އާޖެންޓީނާ ހޯދުމުން އެކި ގައުމުގެ އެކި ސަރަހައްދުތަކަށް އެތައް މިލިއަން މީހުން ނިކުމެ އަންނަނީ ހުއްޓުމެއް ނެތި އުފާ ފާޅުކުރަމުންނެވެ. މިއީ 1986 ވަނަ އަހަރަށްފަހު އާޖެންޓީނާ އިން ހޯދި ފުރަތަމަ ވޯލްޑް ކަޕް ތަށިކަން ފާހަގަކޮށްލެވެ އެވެ. އަދި މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕް ތަށިވެސް މެ އެވެ.
މެސީ ވަނީ ވޯލްޑް ކަޕް ލިބުނަސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެފަ އެވެ. އަދި ޗެެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމާއެކު ކުރިއަށްދާން ބޭނުންވާ ކަމަށްވެސް މެސީ ބުންޏެވެ.