Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ފްރާންސް އަދި އެނބުރި އަންނާނެ

ފްރާންސް އަދި އެނބުރި އަންނާނެ ކަމަށް އެޓީމުގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ޕެނަލްޓީގައި 4-2 އިން ފްރާންސް ބަލިވިއިރު އެމްބާޕޭ ވަނީ މުބާރާތުގައި 8 ގޯލް ކާމިޔާބުކޮށް ރަންބޫޓް ހޯދާފަ އެވެ. އެއާއެކު ވޯލްޑް ކަޕްގައި އެމްބާޕޭ ކާމިޔާބު ކުރި ޖުމްލަ ގޯލު އަދަދު މިހާރު ވަނީ 12 އަށް އަރާފަ އެވެ.

ފައިނަލް މެޗުން ބަލިވުމުން ރަންބޫޓާއެކު ހުރި ފޮޓޯއަކާއެކު ކުރި ޓްވީޓެއްގައި އެމްބާޕޭ ވަނީ ފްރާންސް އަދި އެނބުރި އަންނާނެ ކަމަށް ބުނެފަ އެވެ.

އެމްބާޕޭ ،23، ވަނީ ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ޔޫއެފާ ނޭޝަންސް ލީގު ވެސް މީގެކުރިން ކާމިޔާބުކޮށްފަ އެވެ.

ވޯލްޑް ކަޕަށްފަހު ފްރާންސް ޓީމު ރޭ އެނބުރި ގައުމަށް ގެންދިޔުމުން އެޓީމަށް މަރުހަބާ ކިޔުމަށް 50،000 އަށް ވުރެ ގިނަ މީހުން ފްރާންސްގެ ވެރިރަށް ޕެރިހުގެ މަގުތަކަށް ވަނީ ޖަމާވެފަ އެވެ.

ފްރާންސަށް ކުރިއަށް ދެން އޮންނާނީ 2024 ގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އެވެ. ކޮލިފައިން ފަށާނީ އަންނަ މާޗު މަހު އެވެ.