ރައީސް ނަޝީދުގެ ސަރުކާރުން އެންމެ ބޮޑު ހޭދައެއްކޮށްގެން ކުރި މަސައްކަތަކީ 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް ހިތަދޫގައި ކޮންވެންޝަން ސެންޓަރެއް އެޅުމެވެ.
ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ހަރަދުކުރައްވައިގެން ބިނާ ކުރެއްވި ކޮންވެންޝަން ސެންޓަރަކީ ދެކުނު އޭޝިއާގައި ވެސް ހުރި މިފަދަ އެންމެ ފުރިހަމަ ކޮންވެންޝަން ސެންޓަރެވެ.
އެކަމަކު މިއަދު އެއިމާރާތް ވަނީ "ވީރާނާވާން" ދޫކޮށްލާފައެވެ. ނަޝީދުގެ ވެރިކަން ނިމި ޑރ. ވަހީދުގެ ސަރުކާރުން ފެށިގެން މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުންވެސް އަޅާ ނުލައިވަނީ ދޫކޮށްލާފައެވެ.
އޭގެ ގެއްލުން އައްޑޫގެ އެތައް ރައްޔިތުންތަކަކަށް ކުރާއިރު އެއިމާރާތަކީ ރައްޔިތުންގެ ފައިސާއިން ހަދާފައިވާ ދައުލަތުގެ ބިނާއެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިމާރާތް ކުރެއްވި ތަނަކަށް އެއިމާރާތް ވެގެން ދޫކޮށްލުމަކީ ސަރުކާރުގެ ޒިއްމާދާރުކަން ކުޑަ އަމަލެކެވެ. އެއީ އެއްވެސް ރައްޔިތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނުވަތަ އެތަނަކީ ނަޝީދު ސަރުކާރުން ކުރެއްވި "ބޭކާރު" ހަރަދެއް ކަމަށް ދެއްކުމަށް އެތަން ވީރާނާ ކޮށްލުމަކީ އަމުދުން މާ ބޮޑު މައްސަލައެކެވެ.
އޭއެފްސީ ޗެލެންޖް ކަޕް އައްޑޫގައި ބޭއްވުމަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީކޮށް އެތަން ވަނީ "ރީބްރޭންޑް" ކޮށް މި ސަރުކާރުން އައްޑޫގެ އިންފްރާ ސްޓަކްޗާއަށް އިތުރުކޮށްދިން ބިނާއަކަށް ބަދަލުކޮށްފަ އެވެ.
ސްޓޭޑިއަމްގެ ވީއައިޕީން ތިބޭ ގޮޑި އީސީސީން ގެނެސް އަތުރާލާފައި ހުރި އިރު އެތެރޭގެ ވީއައިޕީން ތިބުމަށް ގެނެސްފައި ވަނީ އީސީސީގައި ގައުމުތަކުގެ އިސް ވެރިންނަށް ހާއްސަކޮށްގެން ހަދާފައިވާ މާލަމްތަކުގައި ބަހައްޓާފައި ހުރި ސޯފާއެވެ.
އެތަކެއްޗަކީ ނަޝީދުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ފައިސާއިން ގަނެފައިވާ ތަކެއްޗެވެ.
އީސީސީ މިހާރު ހުރި ގޮތުން އެތަން މަރާމާތު ކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އެތަނުގައި ޖަހާފައިވާ ބައެއް ތަށިމުށި ހަލާކުވެފައިވާ އިރު އިމާރާތުގެ ދޮރުތައް ވަނީ ދަބަރަށް ވެފައިއެވެ.
މިހާރުގެ ސަރުކާރުން އީސީސީ އަލުން އަމީން ކޮންސްޓަރަކްޝަން އާއި ހަވާލުކޮށް އެތަނުގެ އާބާތުރުފިލުވައިފި އެތަންވެސް "ރީބްރޭންޑް" ކޮށްލެވިދާނެއެވެ. އޭރުން މިސަރުކާރަށް އެއޮތީ އެއްވަގުތެއްގައި އެތައް ސަތޭކަ މިލިއަން ރުފިޔާގެ އިންފްރާސްޓަކްޗާ އައްޑޫގައި ގާއިމް ކުރެވިފައެވެ.
އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުން އެތަން ހުޅުއްވައި އެތަން ސަރުކާރުގެ މިލްކިއްޔާތަށް ބަދަލުކުރެވުމުން މި ސަރުކާރަށް އެއޮތީ އަގު ނުކުރެވޭނެ "ތަރައްޤީ" އައްޑު އަށް ހޯދައިދެވިފަ އެވެ.
އޭރުން އެމަނިކުފާން ސްޓޭޑިއަމް ރީބްރޭންޑް ކުރުމަށް ފަހު ވިދާޅުވި ބަސްފުޅު ތަކުރާރު ކުރެވިދާނެ އެވެ. ގަން އެއާޕޯޓްގައި ވެސް "އިންޓަނެޝަނަލް" ނަން ބޯޑް އަޅުވައިގެން މައުމޫން އެ ހުރީ ރިބްރެންޑްކޮށްފަ އެވެ. އެތަނުން ރައްޔިތަކަށް ލިބުނު ފަސޭހައެއް، ފައިދާއެއް އެބަ އޮތް ހެއްޔެވެ؟ ނަން ބޯޑް ބަދަލު ކުރުމަކުންވީ ކަމެއް ހަމަ ހަރާމެވެ. އެކަމަކު ދެން ވެސް ރިބްރޭންޑޭ ކިޔާފައި ތަންތާނގެ ނަން ބޯޑް ބަދަލު ކުރާށެވެ.
"ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ވަރަށް ފުރިހަމަ ސްޓޭޑިއަމެއް. ވަރަށް ރީތިކޮށް ހެދިފައިވާ ސްޓޭޑިއަމެއް. އަދި ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ތަނެއް. އެހާ ފުރިހަމަކޮށް މިތަން ޑިޒައިން ކުރެވި އަމަލީ ސިފަ ގެނެވުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް މިކަމުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންވަނަން،"
ޕީޕީއެމްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި މައުމޫން ވިދާޅުވި އެވެ.
