އައްޑޫގެ ޓޫރިސްޓް ބީޗްތައް ހެދުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އަމާޒަކީ އެ ތަންތަން ނިންމައި އަންނަ މަހުގެ ތެރޭގައި ބޭނުން ކުރަން ފެށުން ކަމަށް ކައުންސިލުން ބުނެފި އެވެ.
އައްޑޫގައި ހަދަނީ ޓޫރިސްޓުންނަށް ހާއްސަ ތިން ބީޗެކެވެ. އެއީ ފޭދޫގެ ދިގިހެރައިގެ ފުއްޓަރު ފަރާތާއި އައްޑޫ ރުއްޖެހެރަ ސަރަހައްދުގެ އިތުރުން މީދޫގަ އެވެ. މި ބީޗްތަކަކީ ސީދާ ހަމައެކަނި ޓޫރިސްޓުންނަށް ހާއްސަކޮށް ހަދާ ތަންތަނެވެ. އެހެންވެ އެ ބީޗްތައް އާންމުންނަށް ބޭނުމެއް ނުކުރެވޭނެ އެވެ.
ކައުންސިލުން ބުނި ގޮތުގައި ބީޗްތައް ހާއްސަ ވާނީ އައްޑޫގެ ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންނަށެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ތިން ބީޗް ވެސް ހެދުމުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށް ދާ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޖެނުއަރީ މަހުގެ ތެރޭގައި ބީޗްތައް ނިންމައި ބޭނުން ކުރަން ފެށޭނެ ގޮތްތައް ފަހިކޮށް ދިނުމަށްޓަކައި." އޭނާ ވިދާޅުވި އެވެ.
ޝުއާއު ވިދާޅުވީ ބީޗްތަކުގެ މަަސައްކަތްތައް ކުރަމުން އަންނަނީ އެކި ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި ބީޗްތައް ހަދަމުން އަންނަ ސަރަހައްދުތަކަކީ މި ވަގުތު އައްޑޫން މިފަދަ ކަމަކަށް ލިބެން ހުރި އެންމެ ރަނގަޅު ލޮކޭޝަންތަކެވެ.
ޝުއާއު ވިދާޅުވި ގޮތުގައި ޓޫރިސްޓް ބީޗްތައް ހަދައި ނިމުމުން، ބީޗްތައް ނެތިގެން ޝަކުވާކުރާ ޓޫރިިސްޓް ވިޔަފާވެރިންގެ ޝަކުވާތަކަށް ނިމުމެއް ވެސް އަންނާނެ ކަމަށް ގަބޫލުކުރެވެ އެވެ.