ސްރީ ލަންކާގައި ބޮޑު އިންވެސްޓްމަންޓެއް ކުރިއަށް ގެންދަން ސައުދީ އަރަބިއްޔާގެ ކުންފުންޏާ އެކީ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި މަހުގެ 8 ގައި ސައުދީގެ ވެރިރަށް ރިޔާދުގަ އެވެ.
ސައުދީގެ ކުންފުންޏަކާ އެކީ ހެދި އެއްބަސްވުމުގެ ދަށުން ލަންކާގެ ކޮލޮމްބޯގައި ޒަމާނީ ގިނަ ވަސީލަތްތަކެއް އެކުލެވޭ ގޮތަށް ޕޯޓް ސިޓީއެއް ގުޅިގެން ތަރައްގީކުރަން ހަމަޖެހުނީ ލަންކާގެ ސީއެޗްއީސީ ޕޯޓް ސިޓީ ކޮލިމްބޯ ޕްރައިވެޓް ލިމިޓެޑާއި ސައުދީގެ އެންމެ ވަރުގަދަ އެއް ރިއަލް ސްޓޭޓް ކުންފުނި ކަމަށްވާ އަޖްލާން އެންޑް ބްރޮސް ހޯލްޑިން ގްރޫޕުންނެވެ.
وقعت مجموعة #عجلان_واخوانه اليوم على هامش #القمة_العربية_الصينية 15 اتفاقية استراتيجية في عدة مجالات مختلفة، مما يعزز الشراكة الاقتصادية والاستثمارية ورفع مستوى التبادل التجاري بين البلدين. pic.twitter.com/xFRWUXMtBr
— Ajlan & Bros Holding (@AjlanBrosGroup) December 8, 2022
ލަންކާއިން ބުނެފައިވާ ގޮތުގައި ޕޯޓް ސިޓީ ތަރައްގީކުރަން އެ ކުންފުނިން 1.3 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓެއް ކުރާނެ އެވެ. އެގޮތުން ހިންގާ މަޝްރޫއުގެ ފުރަތަމަ ފޭހުގައި ކޮލޮމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (ސީއައިއެފްސީ) އާއި މެރީނާ ވޯޓަފްރޮންޓް ކޮމާޝަލް އެންޑް މެރީނާ ހޮޓެލް އާއި ލަގްޒަރީ ވިލާ އާއި ގޯލްފް ކޯސް ފަދަ ތަންތަން ހިމެނެ އެވެ.
ލަންކާ އިން ބުނި ގޮތުގައި ސައުދީ ކުންފުންޏާ ގުޅިގެން ހިންގާ މަޝްރޫއު ލަންކާގެ ޕޯޓް ސިޓީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) އަށް ފެތުރިގެން ދާނެ އެވެ. އެގޮތުން މި އިންވެސްޓްމަންޓާ އެކީ ވިޔަފާރިތަކާއި ޓޫރިމާއި ފައިނޭންޝަލް ސާވިސް އާއި ކޭޓަރިން އާއި ލޮޖިސްޓިކާއި މެރިޓައިމާއި ޑިޖިޓަލް އެޑިއުކޭޝަން ފަދަ އެތައް ދާއިރާއަކުން އެތައް ފުރުސަތުތަކެއް ހުޅުވިގެން ދާނެ އެވެ.
ލަންކާ އަށް ސައުދީފެ ބޮޑު އިންވެސްޓްމަންޓެއް ލިބިފައި މި ވަނީ އެ ގައުމަށް މި އަހަރުގެ ކުރީކޮޅު ކުރިމަތިވި މާލީ އަދި އިގުތިސާދީ ބޮޑު ތަދާ ގުޅިގެން ބޭރު ގައުމުތަކުގެ އެހީ އާއި އިންވެސްޓްމަންޓްތައް ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. ސައުދީ އަކީ ލަންކާ އިން އެންމެ ފުރަތަމަ އެހީ ހޯދަން އެދުނު އެއް ގައުމެވެ.