Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މޫކޭ ނަޝީދަށް: "އޮޅުވާލުމަކީ މޮޅުވާ ގޮތެއް ނޫން"

މޫސާ އަލީ މަނިކް (މޫކޭ) - ފޮޓޯ: ސަން

އޮޅުވާލުމަކީ މޮޅުވާ ގޮތެއް ނޫން ކަމަށް ވިދާޅުވެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ރައިސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ސިޓީފުޅެއް ފޮނުވާ، އެމްޑީޕީގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކައަށް ރައްދުދީ މޫކޭ ކުރި ޓްވީޓްގައި ބުނެފައިވަނީ ދަފްތަރު ސާފު ކުރުމަކީ ޗެއާޕާސަން އިންތިޚާބު ގައި ދެ ކެނޑިޑޭޓުންގެވެސް ވައުދެއް ކަމަށެވެ. އަދި ޕީޕީއެމްގެ އެކްޓިވިސްޓުން އެމްޑީޕީގެ ދަފްތަރުގައި ޖެހިގެން އެތެރޭގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަކީ އާންމު މެމްބަރުންގެ ބޮޑު ޝަކުވާއެއް އޮތްކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ ދަފުތަރު ސާފުކުރީ ޤައުމީ މަޖިލީހުގެ ޤަރާރާއި އެއްގޮތަށް ކަމަށާއި، އޮޅުވާލުމަކީ މޮޅުވާ ގޮތެއް ނޫން ކަމަށެވެ.

ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެންބަރުން، އެ މެންބަރުންނަށް އެނގުމަކާ ނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށެވެ. އެކަން އެހެން އޮއްވައި ޕްރައިމެރީ ކުރިޔަށް ގެންދެވުމުން އެ ޕްރައިމެރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭކަމަކަށް ޤަބޫލުނުކުރެވޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިސިޓީއާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ އެމްޑީޕީގައި މިހާރު އޮތީ ސައްހަ ދަފްތަރެއް ކަމަށެވެ.