Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ބޭނުމީ އަމިއްލަ ލެގަސީއެއް: ކާތިކް

ފިލްމީ ކެރިއަރާ މެދު މިހާރު ވަރަށް ސީރިއަސް ކަމަށާއި ބޭނުން ވަނީ އަމިއްލަ ލެގަސީއެއް ދަމަހައްޓަން ކަމަށް ބޮލީވުޑްގެ ތަރި ކާތިކް އާރިއަން ބުނެފި އެވެ.

މި އަހަރު ރިލީޒްކުރި 32 އަހަރުގެ އެކްޓަރުގެ ދެ ފިލްމު ކަމަށްވާ "ބޫލް ބުލައްޔާ 2" އާއު "ފްރެޑީ" ކާމިޔާބީއާ ބެހޭ ގޮތުން ނިއުސް18 ގައި ވާހަކަ ދައްކަމުން ކާތިކް ބުނީ މި އަހަރަކީ ވަރަށް ހިތްގަމަޖެހޭ އަހަރެއް ކަމަށެވެ.

"ބެލުންތެރިން އަހަރެންގެ ފިލްމުތަކަށް ދޭ ލޯތްބާއި ސަޕޯޓަށްޓަކައި ޝުކުރު ވެސް އަދާކުރަން. މިއީ ހަގީގަތުގައި ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރު،" އޭނާ ބުންޏެވެ. "މީގެ ކުރިން ކެރިއަރާ މެދު އުފާ ނުވާހާ މިންވަރަށް އުފާވެ، ހިތްހަމަޖެހޭ މިހާރު. އަހަރެން ދެން ބޭނުން ވަނީ އަމިއްލަ ލެގަސީއެއް ދަމަހައްޓަން."

ކާތިކް ބުނި ގޮތުގައި ބެލުންތެރިން މިހާރު އޭނައާ މެދު ކުރާ އުންމީދުތައް ބޮޑުވެފައިވާތީ ކެރިއަރާ މެދު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ ދެން ކުޅެން ފިލްމުތައް ހޮވާނީ ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކީގައި ކަމަށް ވެސް ބުންޏެވެ.

ކާތިކް ބޮލީވުޑަށް ނުކުތީ 2011 ގެ "ޕިޔާރު ކާ ޕަންޗްނާމާ" އިން ކަމަށް ވިޔަސް، ވަރުގަދަ ލީޑިން އެކްޓަރެއްގެ ގޮތުގައި އޭނަގެ ވިދުން ގަދަކޮށް ދިނީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.

ކާތިކަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑު ބޮޑު އެކެކެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޝެހެޒާދާ" އާއި "ސަތިއަޕްރޭމް ކީ ކާތާ" އާއި "ކެޕްޓަން އިންޑިއާ" އާއި "ހީރާ ޕޭރީ 3" ގެ އިތުރުން ޑައިރެކްޓަރު ކަބީރް ޚާންގެ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.