Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ފުރަތަމަ ވެބް ސީރީޒަށް ވަރުން ތައްޔާރު

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން އޭނަގެ ފުރަތަމަ ވެބް ސީރީޒަށް ތައްޔާރުވެއްޖެ އެވެ.

މި ސީރީޒަކީ "އެވެންޖާޒް" ގެ ފިލްމުތައް ފެނެސްދިން އެންތަނީ އާއި ޖޯ ރުސޯ އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދޭ "ސިޓަޑެލް" ގެ އިންޑިއާގެ ވާޝަނެވެ. ހޮލީވުޑްގެ ސީރީޒްގެ ތަރިންނަކީ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެން އެވެ.

އޭގެ އިންޑިއާ ވާޝަން "ސިޓަޑެލް އިންޑިއާ" ވަރޫންއާ އެކީ މިއަދު ރަސްމީކޮށް އިއުލާންކޮށް ބުނީ އަންނަ މަހުގެ ތެރޭގައި އޭގެ ޝޫޓިން ފަށާނެ ކަމަށެވެ. މީގެ ޑައިރެކްޓަރުންނަކީ އެމެޒޯންގެ ސީރީޒް "ދަ ފެމިލީ މޭން" ގެނެސްދިން އަދި ޝާހިދު ކަޕޫރާ އެކީ ވެބް ސީރީޒް "ފަރުޒީ" ގެނެސްދޭން ތައްޔާރުވަމުން އަންނަ ރާޖް އެންޑް ޑީކޭ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސިޓަޑެލް އިންޑިއާ" ގައި ވަރުންއާ އެކީ ބަތަލާގެ ރޯލުން ފެންނާނީ މަޝްހޫރު ތެލެގޫ ބަތަލާ ސަމަންތާ ރޫތު ޕްރަބޫ އެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ވަރުން އަލަތު ވެބް ސީރީޒަށް ތައްޔާރުވާ އިރު، އޭނަގެ ދެ ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ "ބޭޅިޔާ" އާއި "ޖުގް ޖުގް ޖިއޯ" އެވެ. ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަވާލް" އާއި "އޭ ވަތަން…މޭރޭ ވަތަން" ހިމެނެ އެވެ.

"ސިޓަޑެލް އިންޑިއާ" އިއުލާންކުރި އިރު، މި އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމައިލި ޕްރިޔަންކާގެ "ސިޓަޑެލް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ސީރީޒް ހިންދީ ބަހުގެ އިތުރުން ސްޕެއިން، އިޓަލީ އަދި މެކްސިކޯ ބަހުން ވެސް ހަދަން ނިންމާފައިވެ އެވެ.