އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސްގެ ތަސްވީރު ހިމަނައިގެން ތައްޔާރުކުރި ނޫޓްތަކެއް ދައްކާލައިފި އެވެ.
އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑް އިން ނިންމާފައި ވަނީ ޗާލްސްގެ ތަސްވީރާ އެކީ ޕައުންޑްގެ 5، 10، 20 އަދި 50 ގެ އާ ނޫޓް 2024 ގައި އިގުތިސާދުގެ ތެރެއަށް ދޫކޮށްލުމަށެވެ.
ޗާލްސްގެ ތަސްވީރާ އެކީ ނެރެން ނިންމާފައިވާ ޕޮލިމާ ނޫޓް ދައްކައިލި އިރު، ޗާލްސް ތަސްވީރު ހިމަނައިގެން ނެރެން ނިންމާފައިވާ ފައިސާފޮތި ވެސް މިދިޔަ ސެޕްޓެމްބަރު ފަހުކޮޅު އިނގިރޭސިވިލާތުގައި ފައިސާފޮތި އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ކުރާ، ރޯޔަލް މިންޓުން ދައްކާލާފައިވެ އެވެ. އެއީ 5 ޕެންސާއި 50 ޕެންސްގެ ފައިސާފޮއްޗެވެ. އެ މިހާރު އަންނަނީ އިނގިރޭސިވިލާތުގެ ޕޯސްޓް އޮފީސްތައް މެދުވެރިކޮށް ދައުރުކުރަމުންނެވެ.

ބޭންކް އޮފް އިންގްލޭންޑް އިން ބުނި ގޮތުގައި ޗާލްސްގެ ތަސްވީރު ހިމަނައިގެން 2024 ގައި އާ ނޫޓްތަކެއް އިގުތިސާދުގެ ތެރޭގައި ދައުރުކުރަން ފެށީ ނަމަވެސް، ރަސްގެފާނުގެ މަންމާފުޅު އަދި 70 އަހަރު ރަނިކަން އެލިޒަބަތު ދޭއްގެ ތަސްވީރު ހިމެނޭ ނޫޓްތައް ވެސް ދައުރުވާނެ ކަމަށެވެ.
ރާނީ އަވަހަރާވީ ސެޕްޓެމްބަރު މަހުގެ 8 ގަ އެވެ. އިނގިރޭސިވިލާތުގައި ބޭނުންކުރާ ހުރިހާ ފައިސާއެއްގައި ރާނީގެ ތަސްވީރު ހިމެނެ އެވެ.