އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބްލެކް ކޮމެޑީ ތުރިލާ "ކުއްތޭ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ދަރިފުޅު އާސްމާން ބަދަރްވާޖްގެ އަލަތު ޑައިރެކްޝަނެވެ. "ކުއްތޭ" ގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ ބައްޕަ ވިޝާލްގެ ސްޓައިލަށް އާސްމާން ގެނެސްދޭނެ ފިލްމެކެވެ. ވިޝާލް ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ކަމީނޭ" އާއި "ސާތު ހޫ މާފް"، "އޯމްކާރާ" އަދި "ހައިދަރު" ހިމެނެ އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ކޫފިޔާ" އެވެ.
ދަރިފުޅުގެ އާސްމާންގެ ފުރަތަމަ ފިލްމު "ކުއްތޭ" ގެ ކާސްޓްގައި އަރުޖުން ކަޕޫރް، ތައްބޫ، ނަސީރުއްދީން ޝާހް، ރާދިކާ މަދަން، ކޮންކޮނާ ސެން ޝަރުމާ، ކުމުދު މިޝްރާ އަދި ޝަރުދުލް ބަރަދްވާޖް ހިމެނެ އެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ދެބަފައިން ގުޅިގެންނެވެ.
ވިޝާލްގެ ފިލްމު ކުންފުންޏާއި ޑައިރެކްޓަރު ލަވް ރަންޖަންގެ ލަވް ފިލްމްސްގެ އިތުރުން ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.