Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ކްރޮއޭޝިއާގެ މޮޑްރިޗް ރާއްޖޭގައި

އާދީއްތަ ދުވަހުގެ ރޭ ގަތަރުގައި ނިންމައިލި ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ އައި ކުޅަދާނަ މިޑްފީލްޑަރު ޗުއްޓީ ހޭދަކުރަނީ މާލެ އަތޮޅުގައި ހިންގާ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ކުޅު ހަ މެޗްގައި ވެސް 37 އަހަރުގެ މޮޑްރިޗް ކުޅުނެވެ. ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނަމަވެސް ފަހުން އޭނާ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

މޮޑްރިޗް ބުނީ އަންނަ އަހަރު އޮންނަ ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލާ ހިސާބަށް އޭނާ ގައުމީ ޓީމުން ފެންނާނެ ކަމަށާއި އޭގެ ފަހުން 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯގައި ކުޅުމާ މެދު ވިސްނާނެ ކަމަށެވެ. ނޭޝަންސް ލީގުގެ ސެމީގައި ކްރޮއޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ނެދަލޭންޑްސް އާއި ސްޕެއިން އަދި އިޓަލީ އެވެ.

 

View this post on Instagram

 

A post shared by Luka Modric (@lukamodric10)

"އަހަރެން ބޭނުން ވަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަން. އަދިވެސް ގަބޫލުކުރަން އެންމެ މަތީ ފަންތީގައި ކުޅެވޭނެ ކަމަށް." މޮޑްރިޗް ބުންޏެވެ.

މޮޑްރިޗް ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރު އެވެ. އޭނަ މިހާތަން އެ ޓީމަށް 162 މެޗު ކުޅެ، 23 ގޯލް ކާމިޔާބުކޮށް ދީފައިވެ އެވެ.