Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި 3 މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ހެލްތް މިނިސްޓްރީގެ ނައިބު ކަމުން ދުރުކުރި ޝިޔާމާ މުހައްމަދު--

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތް މިނިސްޓްރީން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ލިބިފައި ނުވާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށްއެދި އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައިގަ ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިނިސްޓަރ އޮފް ހެލްތުގެ ނައިބުކަމުގައި ކުރިން ހުންނެވި، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަޤާމުގައި ކުރިން ހުރި، ތ. ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމްގެ އިތުރުން އެމިނިސްޓްރީގެ ލީގަލް އޮފިސަރގެ މަގާމުގައި ކުރިން ހުރި، ލ. ގަން، ފެއަރީގާރޑެން އަލީ ޝިހާމްގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވެއެވެ.