ކުންފުންޏެއް އުފައްދައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ލިބުނު ފުރަތަމަ ކައުންސިލްގެ ޝަރަފު އއ. ތޮއްޑޫ ކައުންސިލަށް ލިބިއްޖެ އެވެ.
އެ ކައުންސިލަށް ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމުގެ ހުއްދަ އިކޮނިމިކް މިނިސްޓްރީން ރަސްމީކޮށް މިހާރު ދީފައިވާ އިރު، ކުންފުނީގެ ރަޖިސްޓްރީ ތޮއްޑޫ ކައުންސިލާ ހަވާލުކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ތޮއްޑޫ ކައުންސިލްގެ ފަރާތުން ރަޖިސްޓްރީއާ ހަވާލުވެވަޑަިއގަތީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ.
ފައްޔާޒް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދައި، ލޯކަލް ކޮމިއުނިޓީތަކުގައި އިގުތިސާ ފުރުސަތުތައް ފަހިކޮށްދިނުމުން ށް ކައުންސިލްތައް ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި މިއީ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ހޯދައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Today, AA. Thoddoo LAC. LTD. — the first of its kind was registered in accordance to the Local Authority Company regulation.
A decision of Thoddoo council for the betterment of Thoddoo island community.@faya_i @lgamaldives @Sec_Thoddoo pic.twitter.com/1i4PIH7I5S
— Economy & Trade (@MoEDmv) December 19, 2022
ކަރަމް ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަކީ ރަށުގެ ތަރަައްގީއަށާއި ރަށުގެ ވިޔަފާރިތަކަށް ގިނަ ގޮތްގޮތުން ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.
"ވަރަށް ބޮޑު ކުރިއެރުމެއް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އެބަ ލިބިގެންދާނެ، އެއް ގޮތަކީ ކައުންސިލުން ދޭ ހިދުމަތްތައް ކުންފުނީގެ ދަށުން، ޚިދުމަތްތައް ދެވެމުން އެ ދަނީ ހެދިފައި ހުރި ޤަވާއިދާ އެއްގޮތަށްކަމަށް ބެލޭނެ،" އޭނާ ވިދާޅުވި އެވެ. "އަދި އާންމު ރައްޔިތުން އެޚިދުމަތްތަކާއި ގުޅިގެން ހުށައަޅާ ޝަކުވާތައް ބަލާ އެކަންކަން ހައްލުކޮށް ދެވޭނެ."
ތޮއްޑޫގެ ލޯކަލް އޮތޯރީޓީ ކުންފުންޏަށް ކުރެވޭނެ ވިޔަފާރިތަކުގެ ތެރޭގައި ޑެޑިކޭޓެޑް ފައިބް ލިންކުގެ ޚިދުމަތް ދިނުމާއި ތޮއްޑޫގައި ތަރައްގީ ކުރާ މިއުޒިއަމް ބަލަހައްޓައި ހިންގުމާއި ކުނި މެނޭޖުކޮށް ބެލެހެއްޓުމާއިޕޯޓުގެ ޚިދުމަތް މެނޭޖް ކުރުމާއި ތޮއްޑޫ މޯލްޑިވްސް ބްރޭންޑް ޕްރޮމޯޓް ކުރުމާއި ތޮއްޑޫ މަގު ބަލަހައްޓާ މަރާމާތު ކުރުމާއި ތޮއްޑޫ ޕާކު ބެލެހެއްޓުމާއި ޓޫރިިސްޓުންނަށް ހާއްސަ ބީޗް ސަރަހައްދެއް ތަރައްޤީކޮށް ބެލެހެއްޓުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ވަސީލަތް ޤާއިމްކޮށް ބެލެހެއްޓުމާއި ކޮންވެންޝަން ފެސިލީޓީ އުފައްދައި އެމްއެމްއީއަށް ވިޔަފާރި ފުރުސަތު ފުޅާ ކުރުމާއި ނާސަރީއެއް ޤާއިމް ކުރުމާއި ޑޭކެއާ ސެންޓަރެއް ޤާއިމް ކުރުމުގެ އިތުރަށް ތޮއްޑޫ ޕްރީސްކޫލް ހިންގުން ހިމެނެ އެވެ.