Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެސީ އަށް އިންސްޓަގްރާމްގައި ރެކޯޑެއް

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އިންސްޓަގްރާމްގައި ރެކޯޑެއް ހަދައިފި އެވެ.

އޭނަ އަށް ލިބުނު ރެކޯޑަކީ މިހާތަނަށް އިންސްޓަގްރާމްގެ ޕޯސްޓަކަށް އެންމެ ގިނަ ލައިކް ލިބުމުގެ ރެކޯޑެވެ. އެ ރެކޯޑް މެސީ އަށް ލިބުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގަތަރުގައި ނިންމާލި ވޯލްޑް ކަޕްގައި ފްރާންސާ ދެކޮޅަށް ކުޅެ، މުބާރާތް 4-2 އިން ކާމިޔާބުކޮށް ތަށި އުފުލާލި މަންޒަރު ފެންނަ ފޮޓޯތަކާ އެކީގަ އެވެ.

"ދުނިޔޭގެ ޗެމްޕިއަން" އާޖެންޓީނާ ބަހުން ޖަހާފައި ކުރި ޕޯސްޓަށް މިހާތަނަށް 58 މިލިއަނަށް ވުރެ ގިނަ ލައިކް ލިބިފައިވެ އެވެ. މިއާ އެކީ އެ ޕޯސްޓްވެފައި ވަނީ މިހާތަނަށް އިންސްޓްގްރާމްގެ ޕޯސްޓަކަށް އެންމެ ގިނަ ލައިކް ލިބުނު ޕޯސްޓަށެވެ.

އިންސްޓަގްރާމްގައި މެސީގެ ފޮލޯވަރުންގެ އަދަދު 402 މިލިއަނަށް އަރަ އެވެ. އަދި އޭނަ އަކީ އިންސްޓަގްރާމްގައި ވަރަށް އެކްޓިވް ތަރިއެކެވެ.

ކުރިން އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ލިބުނު ޕޯސްޓަކީ ޖެނުއަރީ 4، 2019 ގައި ރެކޯޑަކަށް އަމާޒުކޮށް ޕޯސްޓްކުރި ކުކުޅުބިހެއްގެ ފޮޓޯ އެވެ. އެއަށް މިހާތަނަށް 58 މިލިއަނަށް ވުރެ ލައިކް ލިބިފައިވެ އެވެ.

މެސީ އިންސްޓަގްރާމްގައި ރެކޯޑެއް ހެދި އިރު، އެ ޕްލެޓްފޯމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕް ފެށުމުގެ އެއް ދުވަސް ކުރިން ނޮވެމްބަރު މަހުގެ 19 ގައި ކުރި ޕޯސްޓް މިހާރު އޮތީ ތިން ވަނަ އަށް އެންމެ ގިނަ ލައިކް ލިބުނު ޕޯސްޓްގެ ގޮތުގަ އެވެ. އެ ޕޯސްޓްގައި ފެންނަނީ ރޮނާލްޑޯ އާއި މެސީ ރާޒުވާ ކުޅެން ތިބޭ ތަނެވެ. އެ ޕޯސްޓަށް 42 މިލިއަނަށް ވުރެ ގިނަ ލައިކް ލިބުނެވެ.

ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު 519 މިލިއަނަށް އަރަ އެވެ.