ފިރިމީހާ މަރުވެ ދަރިންނަށް ކާންބޯން ދެވޭނެވަރު ނެތިގެން ދަރިއެއްގެ ޓީޗަރެއްގެ ކައިރީ 500 ރުޕީސް (6 ޑޮލަރު) ގެ އެހީއަކަށް އެދުމުން އެހީގެ ގޮތުގައި 5.5 މިލިއަން ރުޕީސް (66،524 ޑޮލަރު) ހޯދައި ދީފި އެވެ.
މި އެހީ ލިބުނު އަންހެން މީހާ އަކީ ކެރަލާ އަށް ނިސްބަތްވާ ސުބާދުރާ، 46 އެވެ. ހަތަރު ކުދިންގެ މަންމަ މީޑިއާތަކަށް ކިޔައިދިން ގޮތުގައި ފިރިމީހާ މަރުވުމުން އޭނަ ދަރިންކޮޅާ އެކީ އުޅެމުން އަންނަނީ ވަރަށް ހާލުގަ އެވެ. އަދި ހަތަރު ކުދިންގެ ތެރެއިން ހަގަށް ތިބި ތިން ކުދިންނަކީ ސެރަބަލް ޕަލްސީގެ ޝިކާރަަކަށްވެފައިވާ ކުދިންކަމުން އެ ކުދިން ދޫކޮށްލާފައި ވަޒީފާއަކަށް ދާނެ ފުރުސަތެއް ވެސް ނެތެވެ.
އެހެންވެ މިދިޔަ ހުކުރު ދުވަހު އޭނަ ދިޔައީ ދަރިފުޅަކަށް ކިޔަވައިދޭ އަންހެން ޓީޗަރު ގިރިޖާ ހަރީކުމާރުގެ ގާތަށެވެ. ގޮސް އެދުނީ ދަރިންނަށް ކާނެ އެއްޗެއް ގަންނަން 500 ރުޕީސް ދިނުމަށެވެ.
އެ ޓީޗަރު ބީބީސީ އަށް ކިޔައިދިން ގޮތުގައި ސުބާދުރާ އެހީއަކަށް އެދުމުން އެ އާއިލާގެ ހާލަތު އޭނަ ގާތަށް ކިޔަވަންދާ ދަރިފުޅު އަބީޝެކްގެ ގާތުން ވެސް އޮޅުންފިލުވި އެވެ. އަދި އެ ކުއްޖާގެ ފަރާތުން ވެސް އެނގުނީ ބައްޕަ މަރުވި ފަހުން އާއިލާގެ ހާލަތު ވަރަށް ގޯސްކަމެވެ. އެހެންވެ ޓީޗަރު އެ އާއިލާ އުޅޭ ތަނަށް ވެސް ޒިޔާރަތްކުރި އެވެ.
"އެތަނަށް ދިޔަ އިރު އެ މީހުން ހަމަ ހަގީގަތުގައި ވެސް ވަރަށް ނިކަމެތި ހާލުގައި ތިބީ. އެހެންވެ އަހަރެން ހިތަށް އެރީ ކުޑަކުޑަ އެހީއަކުން އެ އާއިލާ އަށް ނުފުދޭނެ." ހިންދީ ކިޔަވައިދޭ ޓީޗަރު ބުންޏެވެ.
އެހެންވެ އޭނަ ވަގުތުން ފެށީ ކްރައުންޑްފަންޑިންގެ ހަރަކާތެކެވެ. އަދި އެތައް ބަޔަކު އެއަށް ފައިސާ ހަދިޔާކުރަން ފެށި އެވެ. އެގޮތުން އެ ފަންޑް ބަންދުކުރި އިރުއ،ި އްޔެގެ ނިޔަލަށް އެއަށް 5.5 މިލިއަން ރުޕީސް ލިބިފައިވެ އެވެ. ޓީޗަރު ބުނި ގޮތުގައި ލިބުނު ފައިސާ އިން ސުބާދުރާގެ ފިރިމީހާ ހަދަން ފަށާފައިވާ ގެ ނިންމަން ހަރަދު ކުރުމަށް ފަހު، ބާކީ ހުރި ފައިސާ އެ އާއިލާގެ އެކައުންޓަށް ޖަމާކުރަން ވަނީ ނިންމައިފަ އެވެ.