މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ފަރާތުން އިސްލާމިކް ފައިނޭންސިންގްއާއި ގުޅޭ ފޯރަމެއް ބާއްވައިފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ މި ފޯރަމްގެ މަޤްޞަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސިންގް ދައިރާއަށް ދިމާވާ ގޮންޖެހުންތަކާއި ގެނެވިދާނެ ހައްލުތަކާއި ބެހޭ ގޮތުން ދައިރާގެ ފަންނީ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމެވެ. އެމްއެމްއޭއިން 'ޝަރިއާ ސްކޮލާސް' ޑައިލޮގްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ފޯރަމުގައި ރާއްޖޭގެ އިސްލާމިކް ފައިނޭންސިންގް ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވެފައެވެ.
މި ފޯރަމް ތެރޭގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ސިޔާސަތުތައް އެކުލަވާފައިވަނީ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށްވެސް އެހެން ފަރާތްތަކާއި އެކު ވާދަވެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި ފޯރަމްގައި ލިބޭ ހިޔާލުތަކާއި މަޝްވަރާތަކާއި އެކު ރަނގަޅު ބަދަލުތަކެއް ފެނިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ފޯރަމްގައި ބައިވެރި މުއައްސަސާތަކަށް އެމްއެމްއޭގެ ޝަރީއާ ކައުންސިލާއި ސުވާލު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މިއާއެކު އެ ފަރާތްތަކަށް މިހާރު ޙިދުމަތް ދިނުމުގައި ދިމާވާ ގިނަ ގޮންޖެހުންތަކާއި މެދުވެސް މަޝްވަރާ ކުރުމުގެ ފުރުސަތު ވަނީ ފަހިވެެގެން ގޮސްފައެވެ.