Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ގައުމީ ބަތަލުންނަށް މޮރޮކޯއިން ރަތްދޫލައިގެ މަރުހަބާއެއް

ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ ހޯދި މޮރޮކޯ ޓީމު އެނބުރި ގައުމަށް ދިޔުމުން، އެ ގައުމުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ވޯލްޑް ކަޕްގެ ސެމީފައިނަލަށް މޮރޮކޯ ދަތުރުކުރިއިރު އެޓީމަކީ މުބާރާތުގެ ސެމީ އަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޓީމެވެ. މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި މޮރޮކޯ ވަނީ ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވެފަ އެވެ.

ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދައިގެން އެނބުރި ގައުމަށް ދިޔުމުން ޓީމަށް މަރުހަބާ ކިޔުމަށް މޮރޮކޯގެ އެތައް ހާސް ރައްޔިތުން ވަނީ އެގައުމުގެ ދިދަ ހިފައިގެން މަގުތަކަށް ޖަމާވެފަ އެވެ. އެގޮތުން ބަހެއްގައި މޮރޮކޯގެ އެކި ސަރަހައްދުތަކުގައި ދުއްވުމަށްފަހު ކުޅުންތެރިން ދެން ގޮސްފައިވަނީ މޮރޮކޯގެ ރަސްގެފާނުގެ އަރިހަށެވެ. އެ ބައްދަލުވުމުގައި ރަސްގެފާނު ވަނީ މޮރޮކޯގެ ކުޅުންތެރިންނާއި ކޯޗަށް އެގައުމުގެ އެކި ޝަރަފްތައް އަރުވާފަ އެވެ.

މޮރޮކޯ އަކީ މިފަހަރުގެ މުބާރާތުގައި އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެނު ޓީމެވެ. އެގޮތުން މުބާރާތުގެ ދެވަނަ ބުރުގައި އެޓީމުން ސްޕެއިން ބަލިކުރިއިރު ކުއާޓާފައިނަލްގައި އެޓީމުން ކުރި ހޯދީ ޕޯޗުގަލްގެ މައްޗަށެވެ. ސެމީފައިނަލްގައި އެޓީމު ވަނީ ފްރާންސް އަތުން 2-0 އިންނެވެ.

ވޯލްޑް ކަޕްގައި މޮރޮކޯ ޓީމުން ދެއްކި ކުޅުމާއި ހިތްވަރުގެ ސަބަބުން އެތައް ބައެއްގެ މެދުގައި އެޓީމު ވަނީ މަގުބޫލުވެގެން ގޮސްފަ އެވެ.