Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ނަޝީދު ކެމްޕޭން ފެށީ ފިތުނައިން: ނިހާދު

ފޭދޫ މެމްބަރު ނިހާދު. ފޮޓޯ: އަހުމަދު އާއިޝް ނަސީރު/އައްޑޫ ލައިވް

އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ފެއްޓެވީ ފިތުނައިން ކަމަށް އެ ޕާޓީ އަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ މެމްބަރު ކުރެއްވި ޓްވީޓެއްގައި ނަޝީދަށް އިޝާރާތް ކުރައްވައި ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ޓީމުން ކެމްޕޭން ފެށީ ފިތުނައާ އެކީގައި ކަމަށެވެ. އަދި އެ ޓީމްގެ ސްޓްރެޓަކީ ވެސް ހަމަ ކުރިން ގެންގުޅުނު ކަހަލަ ފިތުނަ ކަމަށް ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ އެދުމަކީ އެތެރޭގެ އިންތިހާބެއްކަން ގަބޫލުކޮށް، ސުލްހަވެރި، ރީތި ނަލަ ކެމްޕޭނަކުން މިކަން ނިންމާލުން،" ނިހާދު ވިދާޅުވި އެވެ. "[ނަމަވެސް] އިދިކޮޅު ކެންޑިޑޭޓުގެ ޓީމުން އަނބުރަން މަސައްކަތްކުރާ ފިތުނައިގައި ނުޖެހި ރީއްޗަށް މިކަން ކޮށްލަމާ."

އޭނާ ވިދާޅުވެފައި ވަނީ ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބުކޮށް އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިލކަމުގެ ދެވަނަ ދައުރެއް ވެސް ކަށަވަރު ކުރައްވާނެ ކަމަށެވެ.

ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިއުލާންކުރެއްވިތާ އެއް ދުވަސް ފަހުން އެމްޑީޕީގެ މެމްބަރުންގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވޯޓުލާ ދަފުތަރުން 40،000 އާ ގާތަށް މެންބަރުން، އެ މެންބަރުންނަށް އެނގުމަކާ ނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށެވެ.

އެހެންވެ އެކަން އެހެން އޮއްވައި ޕްރައިމަރީ ބޭއްވުމުން އެ ޕްރައިމަރީ އަކީ މިނިވަން އަދި އިންސާފުވެރި އެއްޗަކަށް ވާނެ ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ނަޝީދުފެ ވާހަކަތައް އެމްޑީޕީގެ ސެކްރެޓަރިއޭޓުން ދޮގުކޮށް ބުނެފައި ވަނީ ދަފުތަރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މުޅިން ސައްހަ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އޭގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ނަޝީދެވެ.