އޮގަސްޓް މަހުގައި ރިލީޒްކޮށް ސިނަމާތަކުގައި ބަލާނެ ބަޔަކު ނުވި އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ކަލާސް ޗެނެލުން ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި މަހުގެ 25 ގައި އެ ޗެނެލުން ފިލްމު ޕްރީމިއާކުރަން ނިންމައި އޭގެ ޕްރޮމޯތަކެއް ވެސް އަންނަނީ ދައްކަމުންނެވެ. ކަލާސް އިން "ލާލް ސިންގް ޗައްޑާ" އެންމެ ފުރަތަމަ ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ 25 ވަނަ ދުވަހުގެ މެންދުރު ފަހު ރާއްޖެ ގަޑިން 12:30 ގަ އެވެ.
މި ފިލްމަކީ ހޮލީވުޑްގެ 1994 ގެ ކާމިޔާބު ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އަދުވައިތު ޗަންދަން ޑައިރެކްޓްކުރި ފިލްމެކެވެ. "ލާލް ސިންގް ޗައްޑާ" ގައި އާމިރާ އެކީ ބަތަލާގެ ރޯލު ކުޅުނީ ކަރީނ ކަޕޫރެވެ. މީގައި ޝާހްރުކް ޚާންގެ ވަރަށް ހާއްސަ ފެނިލުމެއް ވެސް ހިމެނެ އެވެ.
ފިލްމުގެ ޕްރޮމޯޝަންތައް ފެށުމާ އެކީ އެއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފިލްމު ބޮއިކޮޓްކުރަން ގޮވާލައި ހިންގި ވަރުގަދަ އެންޓި ކެމްޕޭނާ އެކީ ބޮކްސް އޮފީހުގައި ލިބުނު ނާކާމިޔާބީ އަށް ފަހު އޮކްޓޯބަރު މަހުގެ ކުރީކޮޅު ނެޓްފްލިކްސް އަށް ވެސް ފިލްމު ދޫކޮށްލި އެވެ. ޖުމްލަ 180 ކްރޯޑް ރުޕީސް (22.01 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ އެންމެ 129.64 ކްރޯޑް ރުޕީސް (16 މިލިއަން ޑޮލަރު) އެވެ.
"ލާލް ސިންގް ޗައްޑާ" އަކީ ޖެހިޖެހިގެން ބޮޑުތަނުން ފްލޮޕްވި އާމިރުގެ ދެވަނަ ފިލްމެވެ. އޭނަގެ އަނެއް ބޮޑު ފްލޮޕަކީ ބޮޑު ބަޖެޓަކުން 2018 ގައި ގެނެސްދިން "ތަގްސް އޮފް ހިންދުސްތާން" އެވެ.