އަހަރު ނިމުމާ ގާތަށް ދިޔައިރު އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް އާމްދަނީ ލިބުނު ނަމަވެސް، އަންދާޒާ ކުރިވަރާ ގާތަށް ވެސް ހިލޭ އެހީ ލިބިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ވެސް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" ގައި ވާ ގޮތުން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ޖުމްލަ 25.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި 24.2 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 18.1 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 7.1 ބިލިއަން ރުފިޔާ އެވެ.
މި އަހަރު ޖުމްލަ ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި އެވެ. ނަމަވެސް އަހަރު ނިމެން 15 ދުވަހަށްވީ އިރު، ލިބިފައި ވަނީ އެންމެ 328.4 މިލިއަން ރުފިޔާ ކަމަށް ފިނޭން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތަފުސީލަށް ބަލާ އިރު ޓެކްސް އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީން 3.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ވިޔަފާރިން ނެގޭ ޓެކްސްއިން 2.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޖީއެސްޓީގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި މި އަހަރު މިހާތަނަށް 307 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ތަފާސްހިސާބުތަކަށް ބަލާ އިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މި އަހަރު މިހާތަނާށް ރިސޯޓު ކުލީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ލިިބިފަ އެވެ.
ދައުލަތުގެ އާމްދަނީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރިވަރަށް ވުރެ އިތުރުވެފައިވާ އިރު، މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 19.9 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.