Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އަމާޒަކީ ކަރަންޓްގެ އަގުހެޔޮ ކުރުން: އިބްރާހީމްދީ

ސްޓެލްކޯ އަހަރީ ދުވަހުގެ ޖަލްސާގައި ޑީޑީ ވާހަކަ ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

އަގު ހެޔޮކޮށް ކަރަންޓު ޙިދުމަތް ފޯރުކޮށް ދިނުމަކީ ސްޓެލްކޯގެ އަމާޒަކަށް ހަދަން ޖެހޭ ކަމަށް އެ ކުންފުނީގެ ޗެއާމަން ކުރީގެ ބްރިގޭޑިއަ ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އަށް 73 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވަނީ އެ ކުންފުނީގެ 73 އަހަރު ވީ ދިގު ތަރީޙަށް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން މިހާރު ސްޓެލްކޯ އިން ޙިދުމަތް ދެމުންދާ ކ. އަތޮޅާއި އ. އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކުރައްވި އެވެ.

އިބްރާހީމްދީ ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ސްޓެލްކޯ އަށް ވެސް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދެމެހެއްޓެނިވިކޮށް އަގުހެޔޮކޮށް ކަރަންޓު ފޯރުކޮށް ދިނުމަށް އެކި ގޮތްގޮތް ހިޔާރުކޮށްގެން ވެސް މަސައްކަތް ކުރުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ޗެއާމަން ވިދާޅުވި އެވެ.

ސްޓެލްކޯ އިން މިހާރު އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރުގެ ތަފްސީލު ވެސް ޗެއާމަން ވަނީ ހާމަ ކުރައްވައިފަ އެވެ. އެގޮތުން މިތިން އަތޮޅުގައި 38.4 މެގަ ވޯޓުގެ ކަރަންޓު ތެޔޮ އަންދައިގެން ފޯރުކޮށްދޭ ކަމަށާއި، އަދި އިޔާދަކުރަނިވި ހަކަތައިގެ 2 މެގަވޯޓު ކަރަންޓު ފޯރުކޮށްދޭ ކަމަށެވެ. މީގެ އިތުރުން ގްރޭޓަ މާލެ ސަރަހައްދުގައި 3.4 މެގަވޯޓު އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ އިރު 85 މެގަވޯޓުގެ ޑިމާންޑަކަށް ތެޔޮ އަންދައިގެން 110 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދެވޭ ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯ އިން އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު ފާހަގަކޮށް އިބްރާހިމްދީ ވިދާޅުވީ މާލޭގެ އިމާރަތަކުން ކަރަންޓު ކެނޑިއްޖެ ނަމަވެސް އެކަމާ ގުޅިގެން އެތަކެއް ރައްޔިތުންނަށް ދިމާވާނެ ދަތިތައް އެ ކުންފުނިން ރަނގަޅަށް ދަންނަ ކަމަށެވެ.

ސްޓެލްކޯ އަށް 73 އަހަރު ފުރުނު އިރު މާލެ ސަރަހައްދަށް ކަރަންޓު ދިނުމަށް ސަރުކާރުގެ އެ ކުންފުނި އުފެއްދީ 1949 ގަ އެވެ. އޭރު ކުންފުނި ހިންގީ ސަރުކާރުގެ ޑިޕާޓްމެންޓެއްގެ ގޮތުގައި އެކި ނަންނަމުގަ އެވެ. ނަމަވެސް 1997 ވަނަ އަހަރު ނަން ސްޓެލްކޯ އަށް ބަދަލު ކުރެވި ވަކި ކުންފުންޏަކަށް ބަދަލުވެގެން ދިޔަ އެވެ.