Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަނޫ ހުރީ އަލުން ފިލްމު ކުޅޭ ގޮތަށް

އަލުން ފިލްމުތަކުގައި މަސައްކަތްކުރަން ބޭނުންވާ ކަމަށް މީގެ 32 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "އާޝިގީ" ގެ ބަތަލާ އަނޫ އަގަރްވާލް ބުނެފި އެވެ.

މިހާރު އުމުރުން 53 އަހަރުގެ ބަތަލާ ބުނީ ބޮލީވުޑްގެ ބައެއް މީހުންނާއި ހެޔޮއެދޭ ވަރަށް ގިނަ ބަޔަކު ވެސް އޭނަ އަލުން އެކްޓިން އަށް ނުކުންނަން އެދޭ ކަމަށެވެ. އަދި އެކްޓްކުރުމަކީ ވަރަށް ލޯބިކުރާ ކަމެއް ކަމަށާއި ކެމެރާގެ ކުރިމަތީގައި ހޭދަކޮށްލެވޭ ކޮންމެ ހިނދުކޮޅެއް ވެސް ވަރަށް ހާއްސަ ކަމަށް ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި އަނޫ ބުންޏެވެ.

"އަހަރެން އަލުން ސްކްރީނުން ފެންނަން ބޭނުންވާ ކަމަށް ގިނަ ބަޔަކު ބުނުމަކީ ހަގީގަތުގައި ވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެއް." އޭނާ ބުންޏެވެ.

"އާޝިގީ" 1990 ގައ ގެނެސްދިން ޓީމުން އޭގެ ދެވަނަ ބައި 2013 ގައި މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސް ދިނުމަށް ފަހު މިހާރު "އާޝިގީ 3" އަށް މަސައްކަތްކުރަމުން އަންނާތީ އެ ފިލްމުން ފުރުސަތެއް ލިބިއްޖެ ނަމަ ގަބޫލުކުރާނަންތޯ އެހުމުން އަނޫ ބުނީ އޭނަ އަކީ އޮރިޖިނަލްގެ ބަތަލާކަމުން ތިން ވަނަ ބައި އިން ފުރުސަތެއް ލިބިއްޖެ ނަމަ ގަބޫލުކުރާނެ ކަމަށެވެ.

އަނޫރާގް ބާސޫ ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި "އާޝިގީ 3" ގެ ބަތަލަކީ ކާތިކް އާރިޔަނެވެ. ފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބަޓް ބުނި ގޮތުގައި ބޭނުން ވަނީ ފިލްމުން އާ ބަތަލާ އަކު ތައާރަފުކުރާށެވެ.

އަނޫ ބުނި ގޮތުގައި އަލުން އެކްޓިން އަށް ނުކުތުމުގެ ޝައުގުވެރިކަން އޮތުމުން އޭނަ އަށް ހުށަހެޅުންތައް ލިބޭ ނަމަ ހިތްހަމަޖެހޭ އެއްޗިއްސަށް އެއްބަސްވާނެ އެވެ. ދާދި ފަހުން އޭނާ ވަނީ "އާޝިގީ" ގެ ބަތަލު ރާހުލް ރޯއި އާއި އޭގެ ސަޕޯޓިން ރޯލެއް ކުޅުނު ދީޕަކް ތިޖޯރިއާ އެކީ ސޮނީ ޓީވީގެ "އިންޑިއަަން އައިޑޮލް 13" ގައި ބައިވެރިވެ ފިލްމުގެ ހަނދާންތަކެއް ވެސް އާކޮށްފަ އެވެ.

"އާޝިގީ" އިން އަނޫ ވަރަށް ވިދި ނަމަވެސް އޭނަގެ ފިލްމީ ކެރިއަރު އެހާ ކާމިޔާބެއް ނޫނެވެ. އަދި މާ ގިނަ ފިލްމުތަކެއް ވެސް ކުޅެފައެއް ނުވެ އެވެ. އަނޫ ކުޅުނު ފިލްމުތަކުގެ ތެރޭގައި 1992 ގެ "ގަޒަބް ތަމާޝާ" އާއި 1993 ގެ "ކިންގް އަންކަލް" އާއި 1995 ގެ "ރާމް ޝަސްތުރާ" ހިމެނެ އެވެ. އޭނަ ފަހުން ކުޅުނު ފިލްމަކީ 1996 ގެ "ރިޓާން އޮފް ޖުވެލް ތީފް" އެވެ.