Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެމްޑީޕީގެ މެމްބަރުން އެހެން ޕާޓީއަކަށް ވައްދާފައިވޭތޯ ބަލަނީ

ނަޝީދަށް ތާއީދު ހޯދަން އިއްޔެ ފެށި ހަރަކާތުގެ ތެރޭގައި އެމްޑީޕގެ މެމްބަރުންތަކެއް.

އެމްޑީޕީ އަށް ސޮއިކޮށްފައި ތިބި މެމްބަރުންގެ ތެރެއިން ބަޔަކު އެ މީހުންނަށް ނޭނގި އެހެން އެއްވެސް ޕާޓީއަކަށް ވައްދާފައިވާ ނަމަ އެކަން ހައްލުކޮށްދޭން މަސައްކަތްތަކެއް ފަށައިފި އެވެ.

އެ ޕާޓީގެ ސެކްރެެޓަރިއޭޓުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އެއްވެސް މެންބަރަކަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައިވާ ނަމަ އެކަމަށް ހާއްސަ ފޯމް ފުރިހަމަކުރަން ހުޅުވާލާފައިފަ އެވެ. އަދި އެ ފޯމްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައެޅުމުން އެކަން ބަލައި އެ މެންބަރަކު އެމްޑީޕީ އަށް ރުޖޫއަކޮށް ދޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މިފަދަ މަސައްކަތެއް އެމްޑީޕީން މި ފެށީ އެ ޕާޓީގެ މެމްބަރުންގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށް އަންނަ މަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވޯޓުލާ ދަފުތަރުން 40،000 އާ ގާތަށް މެންބަރުން، އެ މެންބަރުންނަށް އެނގުމަކާ ނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށެވެ.

އެހެންވެ އެކަން އެހެން އޮއްވައި ޕްރައިމަރީ ބޭއްވުމުން އެ ޕްރައިމަރީ އަކީ މިނިވަން އަދި އިންސާފުވެރި އެއްޗަކަށް ވާނެ ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ނަޝީދުފެ ވާހަކަތައް އެމްޑީޕީގެ ސެކްރެޓަރިއޭޓުން ދޮގުކޮށް ބުނެފައި ވަނީ ދަފުތަރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މުޅިން ސައްހަ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އޭގައި ވާދަކުރައްވަނީ އިބްރާހީމް މުހައްމަދު ރައީސް ސޯލިހާއި ނަޝީދެވެ.