Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހްރުކް އަންދައިލާނެކަމުގެ އިންޒާރު ދީފި

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން އަންދާލައި އޭނަގެ އާ ފިލްމު "ޕަތާން" އަޅުވާ ސިނަމާތަކުގައި ރޯކޮށްލާނެކަމުގެ އިންޒާރު އިންޑިއާގެ ހިންދޫންގެ ޖަމާއަތަކަށް ހަރުކަށި ނިސްބަތްވާ މީހަކު ދީފި އެވެ.

އަޔޯދިއާ ސްޓޭޓަށް ނިސްބަތްވާ މަހަންތު ޕަރަމްހަންސް އަޗާރިއާ ބުނީ އަންނަ މަހުގެ 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހުރުކާއި ދީޕިކާ ޕަދްކޯންގެ ފިލްމުން އާންމުކުރި ލަވަ "ބޭޝަރަމް ރަންގް" ގައި ބޭނުންކޮށްފައިވާ ކޮސްޓިއުމަކުން އިންޑިއާގެ ދިދައިގައި އެކުލެވޭ ކުލައެއްގެ ހުރުމަތް ވެސް ކަނޑާފައިވާ ކަމަށެވެ.

އަޗާރިއާ ބުނީ އެ ލަވައިގައި ދީޕިކާ ބޭނުންކޮށްފައިވާ ކޮސްޓިއުމްތަކުގެ ތެރެއިން ގަދަ އޮރެންޖް ކުލައިގެ ހެދުމާއި އަދި އެ ހެދުމާއި އެކީ ދައްކުވައި ދީފައިވާ ގައިގޯޅި މަންޒަރަކީ ގައުމީ ދިދައިގެ ކުލައެއްގެ ހުރުމަތް ކަނޑާލުން ކަމަށެވެ.

"ޝާހްރުކާ އަހަންނާ ދިމާވެއްޖެ ނަމަ އޭނަ ދިރިހުއްޓާ ރޯކޮށްލަން ވެސް ފައެއް ނުޖެހޭނަން. އަދި ޕަތާން ސިނަމާތަކުގައި އަޅުވާ ނަމަ އެ ސިނަމާތަކުގައި ރޯ ވެސް ކުރާނަން."

"ބޭޝަރަމް ރަންގް" ލަވަ އާންމުކުރި ފަހުން އިންޑިއާގެ އެކި ހިސާބުތަކުގައި އެ ލަވައާ ގުޅިގެން "ޕަތާން" އާ ދެކޮޅަށް އެތައް ހަރަކާތެއް ހިންގައި، ފިލްމު އަޅުވަން ހުރަސް އަޅާނެކަމުގެ އިންޒާރު ދަނީ ދެމުންނެވެ.

ނަމަވެސް ފިލްމާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އޭގެ ތަރިންނާއި އެ އުފެއްދި ޓީމުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. "ޕަތާން" އަކި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.

ފިލްމުގެ ޓީމުން މިހާރު އަންނަނީ އެއިން ދެވަނަ ލަވައެއް އާންމުކުރަން ތައްޔާރުވަމުންނެވެ. އެއީ "ޖޫމޭ ޖޯ ޕަތާން" އެވެ.