Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެހެން ޕާޓީތަކުގެ 17،156 މެމްބަރުން އެމްޑީޕީގައި!

އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީގެ ދަފުތަރުގައި އެބަތިބި ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ވިދާޅުވީ މެއި 29، 2022 ގެ ގައުމީ މަޖިލީހަށް މެންބަޝިޕް ސާފުކުރުމުގެ ގަރާރު ހުށައެލުމުގެ ކުރިން ގައުމީ މަޖިލިސް މެންބަރުންނަށް ހިއްސާކުރި ލިޔުމެއް، މެންބަޝިޕް ސައްހަ ކުރުމަށް ތިން މަސް ދެވުނު 39،000 މީހުންގެ ތެރޭގައި އިލެކްޝަން ކޮމިޝަން (އީސީ) ގައި އެހެން ޕާޓިތަކުގެ ރަޖިސްޓަރީގައި އޮތް 17،156 މީހުން ތިބި ކަމަށެވެ.

އެގޮތުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން އެމްޑީޕީ ކެންޑިޑޭޓުންނާ ވާދަކޮށް އިންތިޚާބުވެފައިވާ 124 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 101 މެންބަރުން ތިބި ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދު ބުނާ އެ މީހުންގެ މެންބަޝިްޕް ސައްހައެއް ނުވާނެ ކަމަށް އިބްރޭ ވިދާޅުވި އެވެ. މީގެ އިތުރުން މަރުވެފައިވާ 800 އަށް ވުރެ ގިނަ މީހުންގެ ނަން ވެސް ދަފުތަރުގައި އޮތް ކަމަށް ވިދާޅުވި އެވެ.

އިބްރޭ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީގެ 1،211 މެމްބަރަކާއި ޑީއާރްޕީގެ 389 މެމްބަރަކާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) 3،788 މެމްބަރަކާއި މޯލްޑިވް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ 1،761 މެމްބަރަކާއު އެމްއެސްއެލްޑީޕީ 875 މެމްބަރަކާއި އެމްއާރްއެމް 1،029 މެމްބަރަކާއި އެމްޓީޑީ 1،048 މެމްބަރަކާއި ޕީއެންސީގެ 698 މެމްބަރަކާއި ޕީޕީއެމް 6،357 މެމްބަރެއް އެމްޑީޕީގެ ދަފަތުރުގައި ހިމެނެ އެވެ.

އަދިި އީސީގެ ދަފިތަރުގައި އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުވާ 24،033 މީހުން ހިމެނޭ ކަމަށް އިބުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންތަކެއް އެހެން ޕާޓީއަކަށް ވައްދާފައިވޭތޯ ބެލުމުގެ މަސައްކަތް އެ ޕާޓީން މިހާރު ވަނީ ފަށައިފަ އެވެ.

މި މަސައްކަތެއް އެ ޕާޓީން ފެށީ އެ ޕާޓީގެ މެމްބަރުންގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށް އަންނަ މަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވޯޓުލާ ދަފުތަރުން 40،000 އާ ގާތަށް މެންބަރުން، އެ މެންބަރުންނަށް އެނގުމަކާ ނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށެވެ.

އެހެންވެ އެކަން އެހެން އޮއްވައި ޕްރައިމަރީ ބޭއްވުމުން އެ ޕްރައިމަރީ އަކީ މިނިވަން އަދި އިންސާފުވެރި އެއްޗަކަށް ވާނެ ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ނަޝީދުގެ ވާހަކަތައް އެމްޑީޕީގެ ސެކްރެޓަރިއޭޓުން ދޮގުކޮށް ބުނެފައި ވަނީ ދަފުތަރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މުޅިން ސައްހަ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އޭގައި ވާދަކުރައްވަނީ އިބްރާހީމް މުހައްމަދު ރައީސް ސޯލިހާއި ނަޝީދެވެ.